މާލޭގެ ދަފުތަރުގައި ތިބި ރައްޔިތުން ތަމްސީލުކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހުގައި ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ދަފުތަރުގެ ރައްޔިތުން ތަމްސީލުކުރާނެ މެންބަރުން ތިބެންޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މެންބަރުންގެ އަދަދު ލިމިޓް ކުރާ އިސްލާހަށް ބަހުސް ކުރައްވާ މެންބަރު އަލީ ހުސެއިން ވިދާޅުވީ، މަޖިލީހުގެ މެންބަރުން މަދު ކުރުމާއި، ވަކި އަދެއްގައި މެންބަރުން ހިފެހެއްޓުމަކީ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހުކަމަށް ގާބޫލުފުޅުކުރައްވާ ކަމަށެވެ.
އަދި، ގާނޫނުގެ ދަށުން މަޖިލީހުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލުކުރުމުގެ ހައްގު އެ ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އިސްތިސްނާވާ ބަޔަކު އުޅޭ ކަމަށާއި އެއީ މާލޭގައި ދިރިއުޅޭ 15،000އަށް ވުރެ ގިނަ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން ކަމަށް ވިދާޅުވިއެވެ.
"އެ މީހުންގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގަ ނުދެކެވޭ، އަދި އެ މީހުންގެ ހައްގުތަކާ ބެހޭ ވާހަކަތައް ނުދެކެވޭ، އެ މީހުންގެ ހައްގުގައި މި ރައްޔިތުންގެ މަޖިލީހުގަ ވަކާލާތުނުކުރެވޭ ބަޔަކު އެބަ ދިރިއުޅޭ. އެއީ އަޅުގަނޑު މިކިޔާ ދަފުތަރުގަ ތިބި މީހުންނަކީ،" އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ދަފުތަރުގެ ރައްޔިތުން ތިބެނީ މާލޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ ގޮތަށް ކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ބިން ދޫކުރާއިރު އެ ރައްޔިތުންނަށް ކުރިމަތިނުލެވޭ ކަމަށާއި އެކަމުން އެ މީހުން މަހުރޫމްވެފައިވާ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ދާއިރާތަކަށް މީހުން އިންތިޚާބުކުރަން ވުމުން އެ މީހުން ވޯޓު ދޭން ޖެހޭ ކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއިން ކޮންމެ އިންތިޚާބެއްގައި އެއިން ކޮންމެ މީހަކު ވޯޓު ލާން ޖެހޭ ދާއިރާތައް ތާފާތުވާކަން ވެސް ފާހަގަކުރެއްވިއެވެ. މި ކަންކަމަކީ ކަންބޮޑުވާނެ ޖެހޭ ކަމެއް ކަމަށާއި އެ ރައްޔިތުން ނިސްބަތްވާ ދާއިރާތައް ދާއިމީކޮށް ކަނޑައެޅިފަ އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދާއިމީކޮށް ތިބޭ ވަކި ދާއިރާތަކެއް އޮންނަން ޖެހޭ، އީސީއަށް ލިބޭ ބާރެއް އެއީ އެކަން ކަނޑައެޅުމަށް،" އަލީ ހުސެއިން ވިދާޅުވިއެވެ.
"އެ ރައްޔިތުންނަށް ޚާއްސަކޮށް މަޖިލީހުގައި ވެސް ދާއިރާތަކެެއް ކަނޑައެޅި މެންބަރުން ތިބެން ޖެހޭ. ދަފުތަރު ދާއިރާ 1، ދަފުތަރު ދާއިރާ 2، މިގޮތަށް ނަމަވެސް ދާއިރާތަކެއް ކަނޑައަޅަން ޖެހޭ،"
އަލީ ހުސެއިން ވިދާޅުވީ ހަމަހަމަކަން ގާއިމުކުރުމުގެ ވާހަކަ ދައްކާއިރު މި ކަންކަމަކީ ބަދަލުކުރަން ޖެހޭ ކަމެއްކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮތޯ/ މަޖިލިސް
އަލީ ހުސެއިން މިގޮތަށް ވިދާޅުވެފައިވާ އިރު، މަޖިލީހުގެ ގޮނޑިތައް އިތުރުވަމުންދާ ދިޔުމާ ގުޅިގެން ގިނަ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ހަ ދާއިރާއެއް ވަނި އިތުރުވެފައެވެ. އެ ދާއިރާތަކަކީ:
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާ އެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.