ނާގެލްސްމަންގެ ކޯޗުކަމުގައި ޖަރުމަނުވުލާތް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޖަރުމަނުވިލާތުގެ އާ ކޯޗު ޖޫލިއަން ނާގެލްސްމަންގެ ކޯޗު ކަމުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުވިލާތާއި އެމެރިކާ ބައްދަލުކުރި ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗު އެ ޓީމު ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނު ޓީމުންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ އެމެރިކާގެއެވެ. މިގޮތުން މެޗުގެ 27 ވަނަ މިނެޓްގައި އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް ޖަހައިދިން ލަނޑާ އެކު އެ ޓީމުން ލީޑު ނެގިއެވެ.

ނަމަވެސް އެމެރިކާއަށް މި މެޗުގައި ލީޑު ދެމެހެއްޓޭވަރުވީ 12 މިނެޓް ވަންދެންނެވެ. މެޗުގައި ޖަރުމަނުން ޖެހި ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 39 ވަނަ މިނެޓުގައި އިލްކާއި ގުންޑޮގާން ޖަހައިދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ޖަރުމަނު ފެނިގެންދިޔައީ ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކޮށެވެ. މެޗުގައި ޖަރުމަނުވިލާތުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ޖަހައިދިނީ ނިކްލަސް ފުލްކްރުގްއެވެ. އަދި، ފަހު ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ޖަމާލް މުސިއެލާއެވެ.

ޖަރުމަނުވިލާތުގެ ކޯޗުކަން ނާގެލްސްމަން ހަވާލުކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. ޖަރުމަނުވިލާތުގެ ކުރީގެ ކޯޗު ހާންސީ ފްލިކް މަގާމުން ދުރުކޮށްފައިވަނީ ފަހަކަށް އައިސް އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުނު މެޗުތަކުގައި ހޯދިފައިވާ ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ. މިގޮތުން ހާންސީ ފްލިކްގެ ކޯޗު ކަމުގެ ދަށުން ޖަރުމަނުވިލާތް ކުޅުނު ފަހު މެޗުގައި އެ ޓީމު ވަނީ ޖަޕާނާ ބައްދަލުކޮށް 4 - 1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އަންނަ އަހަރުގެ ޔޫރޯ 2024 މުބާރާތް ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވުމުން އެ މުބާރާތުން އޮޓަމެޓިކް ޖާގައެއް ލިބިފައިވާ ޖަރުމަނުން އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖެހިފައިވަނީ ރަހްމަތްތެރިކަމުގެ މެޗުތައް ކުޅޭށެވެ.

comment ކޮމެންޓް