ޑާކްރެއިންއިން މުޅިން އާ ހަ ޕްރޮޖެކްޓެއް

ރާއްޖޭގެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"އިން ކުރިއަށް ރާވާފައިވާ މުޅިން އާ ހަ ޕްރޮޖެކްޓެއް އިއުލާނުކޮށްފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ވަނީ ރާއްޖޭގައި އެންމެ ވަރުގަދަ ފިލްމުތައް އުފައްދާ އެއް ޕްރޮޑަކްޝަން ހައުސްއަށް މިހާރު ވެފައެވެ. އެކަން މި އަހަރު ވަނީ ވަރަށް ރަނގަޅަށް ހާމަކޮށްފައެވެ.

މި އަހަރަކީ ޑާކްރެއިންއަށް ފުދޭވަރަކަށް ބިޒީ އަހަރެކެވެ. ބަރިބަރިއަށް ތަފާތު އެކި ފިލްމުތައް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު އަންނަ އަހަރުގެ ތެރޭގައި ނެރޭނެ ބައެއް ފިލްމުތައް ވެސް ވަނީ ހާމަކޮށް ލައިނަޕެއް ތައްޔާރުކޮށްފައެވެ. މިހާރުގެ ލައިނަޕުން ފެންނަ ގޮތުގައި އަންނަ އަހަރު ވެސް ޑާކްރެއިންއިން ދެ ފިލްމެއް ނެރޭނެއެވެ.

އަލަށް ޕްރޮޑަކްޝަނުން އާންމުކޮށްފައިވާ އާ ޕްރޮޖެކްޓުތަކާ އެކު އެ އަދަދު އަންނަ އަހަރުގެ ތެރޭގައި އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެގޮތުން ޑާކްރެއިންއިން ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ކުންފުނީގެ އާ ޕްރޮޖެކްޓުތަކެއް އިއުލާނުކޮށްފައެވެ.

އަލަށް އިއުލާނުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ނަންތައް ވެސް ވަނީ ޑާކްރެއިން އިން އާންމުކޮށްފައެވެ. އެއީ،

  • އަލިފާން
  • ފެށުމާއި ނިމުން
  • ލައިފް ސަޅި
  • ލޭ
  • ވާރޭ
  • އަވަ

ޑާކްރެއިންއިން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ ފިލްމުތަކެއްގެ މަސައްކަތް ހުރީ ޕްރީ ޕްރޮޑަކްޝަންގައެވެ. އެއާ އެކު އަމަލީ މަސައްކަތްތައް ފެށުމުގެ ކުރީން ރޭވުމާއި ކުރިއަށް ހުރި އެހެން މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

އަލަށް އިއުލާނުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެއްވެސް ފިލްމެއްގެ ކާސްޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ކާސްޓުންނާއި އިތުރު މައުލޫމާތުތައް އާންމުވެގެން ދާނެއެވެ.

ޑާކްރެއިންއިން އެންމެ އަވަހަށް ދެން އަޅުވާނީ ރޮމްކޮމް "ނޮވެމްބަރު"އެވެ. މި ފިލްމު އޮލިމްޕަހުގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރަކުން ފެށިގެންނެވެ.

comment ކޮމެންޓް