ޔާމީންގެ ސަރުކާރަށް ވުރެން މި ސަރުކާރުގައި ކޮރަޕްޝަން އިތުރު: މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ ވަރަށްވުރެ ގިނައިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ މި ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ވާކަމަށާއި އެ މައްސަލަތައް ބައްލަވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަ އެންމެން ވެސް ދައްކާކަމަށެވެ.

"އެންމެން، އަމިއްލަ ޕާޓީގެ މެމްބަރުން ވެސް މަޖިލީހުގައި ވެސް އެބަ ބުނޭ ދައުލަތުގެ ފައިސާއިން ވައްކަން ކުރާ ވާހަކަ އެހެން އެއްވެސް ސަރުކާރެއްގައި ކޮށްފައި ނުވާވަރަށް،" މުއިއްޒު ވިދާޅުވިއެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި މުއިއްޒު ދެއްކެވީ ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައެވެ.

"ބިލިއަނުން ރުފިޔާ އެބަވޭ ގެއްލިފައި. އެއްވެސް މީހަކަށް ނޭންގޭ ވީ ގޮތެއް. ވެންޓިލޭޓަރުތައް ވެސް އެއީ މިތާ ހުންނަން ޖެހޭ ތަކެތި. އެކަމަކު ނެތް،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މި މައްސަލަތަކަށް މި ސަރުކާރުން ޖަވާބުދާރީ ކުރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދައުލަތުގެ ފައިސާ އެފަދައިން ބޭނުން ކުރަން ފުރުސަތު ނުދޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކުރައްވާނީ ދެފުށް ފެންނަ ވެރިކަމެއް ކަމަށެވެ. އަދި އެއްވެސް މައުލޫމާތެއް އެއްވެސް މީހަކަށް ސިއްރު ނުކުރާނެ ކަމަށާއި ހުރިހާ މައުލޫމާތެއް ވެސް ހާމަ ކުރައްވާނޭކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވި އިރު، ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވުމަށްފަހު ބޮޑު އެއްވުމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ކިބައިން ބަދަލު ނުހިފާނެކަމަށެވެ.

"ބަދަލު ހިފުމުގެ ރޫހާ ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް. އެހެން ނޫނީ މި ގައުމަކަށް ހަމަޖެހުމެއް ނުލިބޭނެ," މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/180680

މީގެ އިތުރުން، އެ މަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް އެއްވެސް މީހަކު ކުރާކަން ފާހަގަވެއްޖެނަމަ އަމިއްލަފުޅަށް އިސް ނަންގަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މީގެ ކުރިން ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް