ގައުމަށް ހަމަޖެހުން ގެނައުމަށް ބަދަލު ހިފުމުގެ ރޫހަށް ނޫނެކޭ ބުނާނެ ސަރުކާރެއް ގާއިމް ކުރަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވުމަށްފަހު ބޮޑު އެއްވުމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އޭނާ އިސްވެ އުފައްދާ ސަރުކާރެއްގައި އަނިޔާވެރިކަމަށް ނޫނެކެ ބުނެ ބަދަލު ނުހިފާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކާނިވާ ސަރަހައްދުގައި ހަދާފައިހުރި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޖަގަހަ ހުޅުވުމަށްފަހު އެތަނުގައި ބޭއްވި ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, އެ ކޯލިޝަނުން ގާއިމް ކުރާނީ އަނިޔާވެރިކަމަށް ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށެވެ.
"ބަދަލު ހިފުމުގެ ރޫހާ ތާއަބަދަށް ނޫނެކޭ ބުނާނެ ސަރުކާރެއް. އެހެން ނޫނީ މި ގައުމަކަށް ހަމަޖެހުމެއް ނުލިބޭނެ," މުއިއްޒު ވިދާޅުވިއެވެ.
އަދުލު އިންސާފު އޭގެ ހަމަ މާނައިގައި ގާއިމް ކުރަންޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ, ވަކި އަތަކަށް ބުރަވެފައި އޮތުމަކީ އަދުލު އިންސާފު ގާއިމް ކުރުން ނޫން ކަމަށެވެ. އަދުލުވެރިކަމަކީ އޭގެ ފުރިހަމަ މާނައިގައި ސަރުކާރު ހިންގާ ފަރާތަކުން ފެންނަން ޖެހޭ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ހަމަ އެކަނި ޖުޑިޝަރީ ތެރޭގައެއް ނޫން އަދުލު އިންސާފު ގެންނަންވީއެއް. ސަރުކާރުގެ ހުރިހާ ކަމެއްގައި ވެސް އެ އަދުލުވެރިކަން އެބަޖެހޭ ގެންނަން," މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިސްވެ ހުންނަވައި އުފައްދާ ސަރުކާރެއްގައި ހުންނާނެ ބައެއް ސިފަތައް ކިޔައިދެއްވަމުން އޭނާ ވިދާޅުވީ, އެ ސަރުކާރުގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގާއިމް ކުރާ ސަރުކާރަކީ އަނިޔާވެރިކަމާ ދުރަށްދާ ސަރުކާރަކަށް ހަދަން. އަނިޔާވެރިކަމަށް ނޫނެކޭ އެބަޖެހޭ ބުނަން. ދިވެހި ގައުމަށް އެބަ ބޭނުންވޭ އަނިޔާވެރިކަމަށް ނޫނެކޭ ބުނާނެ ސަރުކާރެއް," މުއިއްޒު ވިދާޅުވިއެވެ.