ޗައިނާގެ ސިޔާސަތުތައް ރަނގަޅު، ގައުމުތަކުގެ އެތެރޭގެ ކަންކަމާ ނުބެހޭ: ޑރ. މުއިއްޒު

ޑރ. މުއިއްޒު އަލްޖަޒީރާއަށް އިންޓަވިއޫ ދެއްވަނީ--

ޗައިނާއިން އެހެން ގައުމުތަކާ މެދު ގެންގުޅޭ ސިޔާސަތުތައް ރަނގަޅު ކަމަށާއި، އެ ގައުމުން އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމާ ނުބެހޭކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައެވެ. މިއީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރާއްޖޭން ބޭރުގެ މީޑިއާއަކަށް ދެއްވި އެންމެ ފުރަތަމަ އިންޓަވިއުއެވެ.

ޗައިނާއާއެކު ގާއިމްކުރަން ބޭނުންވާ ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީ ފުޅާކުރުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ފަހިވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޗައިނާއިން ރާއްޖެއާ އަދި އެހެން ގައުމުތަކާ މެދުވެސް ގެންގުޅެނީ ރަނގަޅު ޕޮލިސީއެއް. އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ނުބެހޭ. (އެ ޕޮލިސީގެ ސަބަބުން) ގައުމުގެ މަސްލަހަތާމެދު ސުވާލެއް ނުއުފެދޭ،" މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމާ ގުޅޭގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މަސްލަހަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލުކުރިން. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލަން ބޭނުންވާ ވާހަކަ އެ ބައްދަލުވުމުގައި ވެސް އަޅުގަނޑު ދެއްކިން. ދެ ގައުމުން ގުޅިގެން އެކަން ކުރުމަށް މަގެއް ހޯދާނެ ވާހަކަ ހައިކޮމިޝަނަރު ވިދާޅުވި،" މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބު ކުރުމާއެކު ޑރ. މުހައްމަދު މުއިއްޒަކީ "ޕްރޯ ޗައިނާ" ނުވަތަ ޗައިނާގެ ބާރު ހިނގާ ބޭފުޅެއްގެ ގޮތުގައި ބޭރު ގައުމުތަކުން ވަނީ ސިފަކޮށްފައެވެ.

https://sun.mv/182729

އެ ތުހުމަތުތަކަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރަކީ "ޕްރޯ މޯލްޑިވްސް" ސަރުކާރެއް ކަމަށެވެ. އަދި އެއްވެސް ގައުމަކަށް ބުރަ ނުވެ ސިޔާސީ ގުޅުންތައް ހުރިހާ ގައުމަކާ އެކު ވެސް ގާއިމް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް