"ޕްރޯ ޗައިނާގެ ކެންޑިޑޭޓް މުއިއްޒު ރާއްޖޭގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފި."
މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ އެ ކާމިޔާބީގެ ޚަބަރުތައް ދުނިޔޭގެ ބޮޑެތި ނޫސްތަކަށް އެރި ގޮތެވެ. އެތައް މިލިއަން މީހުންނެއް ގަވައިދުން ކިޔާ ހުރިހާ ނޫހެއްގެ ސުރުޚީގައި ވެސް މުއިއްޒު ސިފަ ކުރައްވާފައި ވަނީ "ޕްރޯ ޗައިނާ" ނުވަތަ ޗައިނާގެ ބާރު ހިނގާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތަށް ރިޕޯޓް ކުރި ނޫސްތަކުގެ ތެރޭގައި ބީބީސީ އާއި ސީއެންއެން އާއި ދަ ގާޑިއެންގެ އިތުރުން އަލް ޖަޒީރާއާއި ވޮޝިންޓަން ޕޯސްޓާ އެހެނިހެން ބޮޑެތި ނިއުސް އެޖެންސީތައް ހިމެނެއެވެ. އަދި، އިންޑިއާގެ މީޑިއާތަކުގައި އެ ނޫން ވާހަކައެއް ނެތެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިންގެ މައްޗަށް ވެރިކަން ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ރިޔާސީ އިންޚާބު ދުނިޔޭގެ މަޝްހޫރު ނޫސްތަކުން ސިފަ ކުރީ އިންތިހާއަށް ވާދަވެރި އިންޑިއާ އާއި ޗައިނާގެ ކުރިމަތިލުމެއްގެ ގޮތަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަކީ އިންޑިއާގެ ކެންޑިޑޭޓް ކަމަށް ސިފަކޮށްފައިވާއިރު މުއިއްޒު ސިފަ ކޮށްފައިވަނީ ޗައިނާގެ ކެންޑިޑޭޓް ކަމަށެވެ.
ޗައިނާގެ ކެންޑިޑޭޓްގެ ގޮތުގައި މުއިއްޒު ސިފަ ކުރަނީ އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ދުވަސްވަރު އެ މަނިކުފާނު ބޮޑަށް ބަރޯސާވެފައިވަނީ ޗައިނާއަށް ކަމަށްވާތީއެވެ. އެހާތަނަށް ރާއްޖެ ދުވަހަކު ވެސް ދެކެފައިނުވާ ފަދަ މަޝްރޫތައް ކަމަށްވާ ސިނަމާލެ ބްރިޖާއި ހަތް ހާސް ފްލެޓްފަދަ މަޝްރޫތައް ހިންގީ ޗައިނާ މެދުވެރިކޮށެވެ. އެކަމަށް ލޯނު ނެގީ ޗައިނާ ބޭންކްތަކުންނެވެ. މަސައްކަތްތައް ކުރީ ޗައިނާގެ ކުންފުނިތަކުންނެވެ. އެ ބޮޑެތި މަޝްރޫއުތައް ހިންގެވިއިރު އެކަން ކުރައްވަން ވަޒީރެއްގެ ގޮތުގައި ހުންނެވީ މުއިއްޒެވެ.
ދެހާސް އަށްވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން އެ ޕާޓީން ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް ވިސްނައިދެމުން ދިޔައީ އެ ޕާޓީއަކީ ޔޫރަޕާއި އިންޑިއާގެ އެކުވެރި ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ކަމެވެ. އަދި، އެމްޑީޕީއާ އިދިކޮޅު ޕާޓީއަކީ ޗައިނާގެ ސިޔާސަތު ގެންގުޅޭ ޕާޓީ ކަމަށެވެ. އެ ލޭބަލް އޮތީ މީގެ 15 އަހަރު ކުރިން އަޅުވައިފައެވެ. މިހާރު "ޕްރޯ" މި ލަފުޒު ބޭނުން ކުރާ މައިގަނޑު އެއް ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.
މުއިއްޒުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތު!
އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރުމަށް އެތައް ސަތޭކަ ސަޕޯޓަރުންނަކާ އެކު ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ މި ކަމަށް ރައްދު ދެއްވައިފައެވެ. ސަރުކާރު ހިންގަވާނެ ގޮތް ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ޤަބޫލުކުރާ ހުރިހާ ޤައުމުތަކާކާ ގުޅުން ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.
ޕްރޯ މޯލްޑިވްސް ސިޔާސަތުގެ މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އެހެން ގައުމުތަކުން އިހްތިރާމް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ދުނިޔޭގެ ހުރިހާ ގައުމަކީ ވެސް އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމަށް އިހުތިރާމް އަދާކުރަން ބޭނުންވާނެ އަދި އެ ގައުމުތަކުގެ މިނިވަންކަމާއި އެއްގޮތަށް އަޅުގަނޑުމެންނަށް ވެސް މިނިވަންކަން ޙިމާޔަތްކުރުމުގެ ޙައްޤު ލިބިގެންވާކަން ޤަބޫލުކުރާ ގައުމުތަކަކަށް ވާނެ ކަމަށް އުއްމީދުކުރަން،" މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރު ރިޔާސީ އިންތިޚާބުން ބަލި ކުރުމަށް އިދިކޮޅުން އެންމެ ބޮޑަށް ވިއްކި އެކައްޗަކީ އިންޑިއާގެ ސިފައިން މި ގައުމުގައި ތިބި ކަމަށް ބުނުމެވެ. އެކަން ބަދަލު ކުރަން މުއިއްޒު ހޮއްވަވައި ދިނުމަށް އެދުނެވެ. އެކަން ރައްޔިތުން ކުރުމުން މުއިއްޒު ވިދާޅުވީ އޮންނަ އުސޫލާއި ހަމަތަކުގެ ތެރެއިން ބޭރު ސިފައިން މި ޤައުމުން ފޮނުވާލައްވާނެ ކަމަށެވެ.
"އެކަން ޙާސިލްވާނެކަން ޔަގީން އެބައޮތް. އެ ސިފައިން މިތަނުގައި ތިބެން ބޭނުންނުވާކަން ރައްޔިތުން އެ އޮތީ ނިންމާފައި. އަޅުގަނޑާއި ބައްދަލުވާން އަންނަ ސަފީރުންނަށް ދަންނަވަން އޮތީ މި ހަމަތަކުގެ މަތީން އަޅުގަނޑުމެންނާއި ގާތް ގުޅުން ބޭއްވޭނެއޭ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޑިޕްލޮމަސީގެ އުސޫލުގެ ތެރެއިން ހުރިހައި ކަމެއް ވެސް ހާސިލުވާނެ ކަމަށެވެ. މިއީ ބަވަނަވެފައި އޮތް ދުނިޔެއެއް ކަމަށްވާއިރު ރައްޔިތުން އެދޭ ގޮތަށް ކަންކަން ހާސިލް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދާ ހިސާބުން ޖެހުނު ލައްގަނޑެއް
ދުނިޔޭގެ ބޮޑު ދެބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއިން އެއް ގައުމަށް ވުރެން އަނެއް ގައުމު ކުރިއަރައި ދިއުމަށް އުފެދިފައިވާ ޒަމާންވީ ބޮޑު ވާދައިގެ ތެރެއަށް ވަދެވޭވަރަށް ވުރެން ރާއްޖެއަކީ މާ ކުޑަ ގައުމެކެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބެލި ނަމަވެސް އެއީ ރާއްޖެއާ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިހާރު މިއޮތީ އެކަމުގެ ތެރޭގައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. މިކަން ދިމާވީ ވަކި ބޭފުޅަކާ ހިސާބުންނެވެ.
ގައުމު ބާރު ސްޕީޑުގައި ތަރައްގީ ކުރުމަށް ވުރެން ވެރިކަމުގައި ގިނަ ދުވަހު ހުންނެވޭނެ ގޮތަކަށް ބައްލަވައިގެން ރައީސް މައުމޫން އަބްދުލްގައްޔޫމު ކުރެއްވި ދިގު 30 އަހަރުގެ ވެރިކަމުގައި އެންމެ ރަނގަޅަށް ތަންފީޒުކުރި އެއް ސިޔާސަތަކީ ޚާރިޖީ ސިޔާސަތެވެ. ފަތުހުﷲ ޖަމީލް، 27 އަހަރު ޚާރިޖީ ވަޒީރުކަން ކުރެއްވިއިރު ގައުމުތަކާ ބާއްވަމުން ގެންދެވީ ވަރަށް ގާތް ގުޅުމެކެވެ. ވަކި ގައުމަކަށް ބަރޯސާ ނުވެ ގެންގުޅުއްވީ ގައުމުތަކާ ވަރަށް ހަމަހަމަ ސިޔާސަތެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ދާހިލީ ކަންކަމަކާ ބެހުމުގެ ފުރުސަތު ބޭރު ގައުމުތަކަކަށް ނޯވެއެވެ. އޭގެ ބަދަލުގައި އެތައް ގައުމަކުން އެތައް މިލިއަން ޑޮލަރެއްގެ އެހީތައް ރާއްޖޭގެ ތަރައްގީއަށް ދިނެވެ. މައުމޫނުގެ އެ ދިގު 30 އަހަރުގެ ވެރިކަން ނިމުމާ ހަމައަށް ކަންކަން ކުރައްވަމުން ގެންދެވީ އެ ރަނގަޅު އުސޫލުގެ މަތިންނެވެ.
މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަވައި 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތީ ހިންގުމުގެ ތަޖުރިބާ އެހާ ބޮޑަށް ލިބިވަޑައިގެންފައި ނުވާ ރައީސް މުޙައްމަދު ނަޝީދެވެ. އެހާތަނަށް އެ މަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރައްވަމުން ގެންދެވީ ސިޔާސީ އެކްޓްވިސްޓެއްގެ ގޮތުގައި މަގުމައްޗާއި ޖަލުގައެވެ. ނަޝީދުގެ އެ ވެރިކަމަކީ ރާއްޖެއިން އަމަލު ކުރަމުން އައި ހަމަހަމަ ހާރިޖީ ސިޔާސަތުގެ ނިމުމުގެ ފެށުމެވެ. ޚާއްސަކޮށް މައުމޫންގެ ވެރިކަމުގައި ހިފަހައްޓަމުން ގެންދެވި ޑިޕްލޮމެޓިކް ހަރުދަނާ އުސޫލުތައް ދޫކޮށްލެއްވިއެވެ. އިންޑިއާއަށް ނަޝީދު ވަރަށް ބޮޑަށް ބަރޯސާވިއެވެ.
ވަކި ގައުމަކާ ޖެހިގަނެގެން އުޅުމަކީ ނަޝީދުގެ ވެރިކަމާ ހަމައަށް ރާއްޖޭގައި އޮތް ސިފައެއް ނޫނެވެ. ނަމަވެސް އެ ބިރުވެރި، އަދި ނުރައްކާ އަމަލު ވެސް އެމަނިކުފާނު ކުރެއްވިއެވެ. އެގޮތުން ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގައި ފާޅުގައި އިންޑިއާއާ ވާދަވެރި ޗައިނާއަށް ފާޑުވިދާޅުވިއެވެ. އަދިވެސް ގެންދަވަނީ ދެކޮޅު ނުޖެހޭ އެ އަމަލު ހިންގަވަމުންނެވެ.
ނަޝީދަށް ފަހު އިންތިޚާބަކުން ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޚާރިޖީ ސިޔާސަތަކީ ވެސް ވަކިއަތަކަށް ގޮސް ހުސްވެފައިވާ ސިޔާސަތެކެވެ. އެ މަނިކުފާނުގެ ސިޔާސަތު ވަރަށް ތަފާތެވެ. ދިވެހީންގެ ޒަމާންވީ އެކުވެރިޔާ، އަދި އެންމެ އަވައްޓެރި އިންޑިއާ ދޫކުރައްވައި ޗައިނާއަށް ކަންކަމުގައި ބަރޯސާވިއެވެ. "އިންޑިއާ ފަސްޓް ޕޮލިސީ" އެ މަނިކުފާނުގެ ނަމުގައި ހެއްދެވި ނަމަވެސް އަމަލު ކުރައްވަމުން އައީ އެގޮތަކަށް ނޫނެވެ. އަދި ގަތަރާއި ކޮމަންވެލްތާ އޮތް ޒަމާންވީ ގުޅުން ކަނޑާލެއްވުންފަދަ ދެއުޅިއެއްނުވާ އެތައް ކަމެއް ކުރެއްވިއެވެ. ވެރިކަން ނިމުނު ފަހުން ޔާމީން ވެސް ފެނިވަޑައިގަތީ ނަޝީދު ހިންގެވިމަގުން ހިންގަވާތަނެވެ. ވަކި ގައުމަކާ ޖެހިގެން މަސައްކަތް ކުރައްވާތަނެވެ.
މި ވެރިކަމަށް ބަލާއިރު ވެސް ފެންނަނީ ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެފައިވާ މަންޒަރެވެ. ހުރިހާ ކަމެއްގައި ކަހަލަ ގޮތަކަށް އިންޑިއާއަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ. އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަނީ އެހެންވެއެވެ. ނަމަވެސް އެހެން ސަރުކާރުތަކުން ފެނުނު ގޯސް އަމަލުތަކެއް މި ސަރުކާރަކުން އަދި ނުފެނެއެވެ. އެއީ ވަކި ގައުމަކާ ޖައްސާލައިގެން އުޅުމެވެ. ޔާމީންގެ ވެރިކަމުގައި ގުޅުން ކަނޑާލި ގަތަރާއި ކޮމަންވެލްތާ މި ސަރުކާރުން އަލުން ގުޅުން ބަދަހި ކުރިއެވެ. އަދި، ރާއްޖެއާއި ޗައިނާއާ ވެސް އޮތީ ގޯސްގުޅުމެއް ނޫނެވެ. އޭގެ އިތުރުން އެތައް ގައުމަކާ އަލަށް ސިޔާސީ ގުޅުން ބަދަހިކޮށްފިއެވެ. އެކަންކަމުގެ ކްރެޑިޓް މި ސަރުކާރަށް ހައްގެވެ. ނަމަވެސް ވަކި ގައުމަކަށް ބަރޯސާވެފައި އޮތްއޮތުން މާބޮޑު ކަމަށް ފެނެއެވެ.
ގައުމެއްގެ ހަމަޖެހުން ގުޅިފައި ވަނީ ހަމައެކަނި އެތެރޭގެ ސިޔާސީ ކަންކަމަކާ ނޫނެވެ. ޖިއޯ ޕްލިޓިކްސްއަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމެކެވެ. އެއީ ޖިއޯގްރަފީގެ ސަބަބުތަކާހުރެ ދައުލަތްތައް ހިންގުމާއި ބާރުތައް ބެހުމާއި އިއްތިހާދުތައް އުފެދުމާއި ޑިޕްލޮމެސީ ހިންގުމަށް އަސަރު ކުރާތީއެވެ. ޖިއޯޕޮލިޓިކްސްއިން ވިސްނަނީ ބޯޑަރުތަކާއި ގުދުރަތީ ވަސީލަތްތަކާއި އެހެން ގައުމުތަކާ ގާތްވުން ފަދަ ކަންކަމުގެ ސަބަބުން ގައުމެއްގެ ހާރިޖީ ސިޔާސަތާއި ސްޓްރެޓެޖިކް ނިންމުންތައް ބައްޓަން ކުރެވިދާނެ ގޮތަށެވެ.
ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުގެ ނުފޫޒު ވަނުން ހުއްޓުވޭނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެނެސްގެންނެވެ. ހުރިހާ ގައުމަކާ އެކުވެރި ސިޔާސަތެއް ތަންފީޒުކޮށްގެންނެވެ. ދިވެހީންގެ ތެރޭގައި ކަންބޮޑުވުމާ އެކު މިވާހަކަތައް ދައްކަންޖެހޭ ޖެހުން ނިމުމަކަށް ގެންނަން ޖެހެއެވެ. މުއިއްޒު ދެއްވަނީ އެ ޔަގީންކަމެވެ. އެއީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެވެ.