އާމިރުގެ ފިލްމު 'ސިތާރޭ ޒަމީން ޕަރު' އަށް ޖެނީލިއާ

މީގެ ދެ ދުވަސް ކުރިން އާމިރު ޚާން އިއުލާނު ކުރި ފިލްމު "ސިތާރޭ ޒަމީން ޕަރު" އިން ބަތަލާ ޖެނީލިއާ ދޭޝްމުކް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.

އިންޑިއާގެ މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާ އާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވަނީ އާމިރު ޚާން ދެކޭ ގޮތުގައި ޖެނީލިއާ އަކީ "ސިތާރޭ ޒަމީން ޕަރު" އަށް އެންމެ އެކަށީގެންވާ ބަތަލާ ކަމުގައެވެ.

އާމިރު ޚާން މުހިއްމު ރޯލް ކުޅޭ ފިލްމު "ސިތާރޭ ޒަމީން ޕަރު" އަކީ އާމިރު އަމިއްލައަށް ޑައިރެކްޓްކުރި "ތާރޭ ޒަމީން ޕަރު" އާ ދާދި އެއްކަހަލަ ފިލްމެއް ކަމަށާއި އެހެން ނަމަވެސް މި ފަހަރު ގެނެސްދޭ ފިލްމަކީ ބެލުންތެރިން ހެއްވާލާނެ ފިލްމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ މި ފިލްމަކީ، ސްޕެނިޝް ފިލްމު "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަމަށެވެ. ނަމަވެސް އާމިރު ޚާންގެ ފަރާތުން މި ޚަބަރު އަދި ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

ޖެނީލީއާގެ އިތުރުން ފިލްމަށް އާމިރު ގެންނަން ބޭނުން ވަނީ އާ ތަރިން ތަކެއް ކަމަށާއި ބައެއް ކާސްޓުން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް ފިލްމުގައި މި ތަރިން ކުޅޭ ރޯލްތަކަށް ތައްޔާރުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ޖެނީލިއާ އާއި އާމިރު އެކީގައި ސްކްރީނުން ފެންނަ ފިލްމަކީ "ސިތާރޭ ޒަމީން ޕަރު" ކަމަށް ވިޔަސް ދެ ތަރިން ވަނީ މީގެކުރިން އެކީގައި މަސައްކަތް ކޮށްފައެވެ. އެއީ އާމިރު ޚާންއަށް ބޮޑު ބޭބެ ކިޔާ އެކްޓަރު އިމްރާން ޚާން އާއި ޖެނީލިއާ ކުޅުނު ފިލްމު "ޖާނެ ތޫ ޔާ ޖާނެ ނާ" ގައެވެ.

އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނީލިއާ ފިލްމީ މަސައްކަތް ތަކާ ދުރުގައި ހުރުމަށް ފަހު ރަސްމީކޮށް ފިލްމު ތަކުގައި މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރުއެވެ. އެއީ ރިތޭޝްގެ އަމިއްލަ ޑައިރެކްޝަން "ވެދް" އިންނެވެ. ޖެނީލިއާގެ ފިލްމެއް މި އަހަރުގެ ޖުލައި މަހު ޖިއޯ ސިނަމާއިން ސްޓްރީމް ކޮށްފައި ވާއިރު ބަތަލާ އަންނަނީ ތެލުގޫ އަދި ކަންނާޑާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް