ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގައި ބޭނުން ވަނީ ތިންބައިކުޅަ އެއްބައި މެންބަރުންގެ ގޮތުގައި އަންހެން މެންބަރުން ހޮވަން ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ވިސްނުން މިހާރު ހުރީ ޕީޕިއެމް ޕީއެންސީއާ އެކު ކުރިއަށް ދާން ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބުން މުހިންމު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިކަންކަން ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް 'ކްރިޓިކަލް' ދައުރެއް އަދާކުރާނެ ތަނެއް. އަޅުގަނޑު ގަބޫލުކުރަނީ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ ގިނަ ބަޔަކު ތިބިގެން ކަމަށް މިކަންވާނީ. އޭރުން ކަންކަން ބާރު ސްޕީޑުގަ ކުރިއަށް ގެންދިޔުމަށް މާ ބޮޑަށް ވެސް ކުރިއަށްގެންދެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ވީހާ ވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށެވެ.
"އެންމެ ބޭނުންވަނީ ތިން ބައި ކޮށްފައި ދެ ބައި މެންބަރުން ހާސިލްކުރުން. 93 މެންބަރުންގެ ތެރެއިން 60 މެންބަރުން ބޭނުން. އަދި އަޅުގަނޑުމެންނާ ގުޅިފައިވާ ފަރާތްތަކާ ވެސް އެކުގަ ސުޕަ މެޖޯރިޓީ ހޯދުން އަމާޒަކީ. އަޅުގަނޑަށް ގަބޫލުކުރެވޭ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަޅުގަނޑުމެނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ކަަހަލަ ބޭފުޅުން މި ފަހަރުގެ މަޖިލީހުގައި ތިއްބަވާނެ ކަމަށް އުންމީދުކުރަން،"
މުއިއްޒު ވިދާޅުވީ، އެންމެ ބޭނުންފުޅުވާ އެއް ކަމަކީ އަންހެން ބޭފުޅުން މެންބަރުންގެ ގޮތުގައި ގިނަ ކުރުން ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު ގޮތަކީ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެން މެންބަރުންނަށް ވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ގާނޫނެއްގަ އެހެން ނެތް. ނަމަވެސް އަޅުގަނޑު ހިތްވަރު ވެސް ދޭނަން. މަސައްކަތް ކުރާނަން ޕްރައިމެރީއަށް ވެސް އަންހެނުން ކުރިމަތި ލާ ތޯ. އަދި ހޯދަން ވެސް މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
"ހިތްވަރެއް ދޭން ޖެހޭނީ. ކުރިމަތިލާން ބޭނުންވެފައި ވެސް އެބަ ތިބި ކުރިމަތިނުލައްވާ. އަޅުގަނޑު ހިތްވަރުދޭނަން،"
މިހާރުގެ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ތިއްބެވީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އެއީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އަދި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.
އަންނަ އަހަރު އިންތިޚާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުވެއެވެ. އެއާ އެކު މަޖިލީހުގައި 93 މެންބަރުން ތިބޭނެއެވެ.