ތަރުހީބު ކުޑަވުމުގެ ސަބަބުން ޒުވާނުންގެ އެވޯޑު ފަސްކޮށްފި

މީގެ ކުރިން ބޭއްވި ޒުވާނުންގެ އެވޯޑު ހަފުލާއެއްގެ ތެރެއިން -- ސަން ފޮޓޯ

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ އެވޯޑަށް ތަރުހީބު ކުޑަވުމުގެ ސަބަބުން އެ އެވޯޑު ދިނުން ފަސްކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މި މަހުގެ 22 ގައި ދިނުމަށް ނިންމި ޒުވާނުންގެ އެވޯޑަށް އެކަށިގެންވާ އަދަދަކަށް ޒުވާނުން ކުރިމަތިލާފައިނުވާތީ، މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި، މި އެވޯޑް ދޭނެ ދުވަހެއް ފަހުން އިޢުލާނު ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތި ލުމަށް ޔޫތު މިނިސްޓްރީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 16 ދާއިރާއަކުން އިނާމު ދިނުމަށް ނިންމިއެވެ.

އެގޮތުން ކަނޑައަޅާފައިވާ ދާއިރާތަކަކީ:

  • ވިޔަފާރި އާއި އިގްތިޞާދު
  • އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމުގެ ސަގާފަތް ދިރުވުން
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތް ކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމްކުރަން މަސައްކަތް ކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވަން މަސައްކަތް ކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތް ކުރުން
  • ދިވެހި ބަސް ދިރުވުމަށް މަސައްކަތް ކުރުން
  • ކުޅިވަރުގެ ދާއިރާއިން - އާދަޔާ ޚިލާފް ހުނަރެއް ދައްކާފައިވާ ފަރާތްތައް
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ޒުވާނުންގެ އެވޯޑު ދީފައި ވަނީ ނުވަ ދާއިރާއަކުންނެވެ. މިއީ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ ހިތްވަރުދީ، ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

https://sun.mv/169580

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

comment ކޮމެންޓް