މިއަހަރުގެ ޒުވާނުންގެ ދުވަހުގެ އެވޯޑުތައް އެކި ދާއިރާތަކުން 10 ޒުވާނަކަށް މިރޭ ދީފިއެވެ.
ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޒުވާނުނަށް އެވޯޑުތައް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
މި އެވޯޑުތަކުގައި ހިމެނެނީ ތަފާތު ނުވަ ދާއިރާއަކާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ދެއްވާ ހާއްސަ އެވޯޑެވެ.

ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ރައީސްއޮފީސް
މިފަހަރުގެ ޒުވާނުންގެ އެވޯޑުތައް ލިބިފައިވަނީ:
- ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން- މުހައްމަދު ޖައިލަމް / ގދ.ފިޔޯރީ ޝާދީވިލާ
- ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން - ނީޝާ ޙަލީމް / މއ.ކޮކޯމާ
- ދަރުމަވެރިކަމުގެ ދާއިރާއިން- ފިރާޝާ މުޙައްމަދު / ހދ.ހަނިމާދޫ ރިލީފް
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން- ޢަބްދުﷲ ޝަހުނީޒް / ނ.ޅޮހި އޯކިޑުމާގެ
- ދިވެހިބަހާއި ޡަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން- ޢަލީ އަމީރު / ދ.ބަނޑިދޫ ލަކީސްޓާ
- ފަންނުވެރިކަމުގެ ދާއިރާއިން- ޢަބްދުﷲ ޝަފީޢު / ހދ.ވައިކަރަދޫ ހިސާން
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން- އާފިރު މުޙައްމަދު / ގދ.ރަތަފަންދޫ
- ދަނޑުވެރިކަމުގެ ދާއިރާއިން- ޢަލީ ރަޝީދު / ލ.އިސްދޫ މޯނިންގްހައުސް
- ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއިން- އިބްރާހިމް ޝަރީފް / ޅ.ހިންނަވަރު އުރަހަ
- ނެޝަނަލް ޔޫތް ވޮލަންޓިއަރ ޕްރގްރާމްގެ ތެރެއިން- އަޙްމަދު އަޙްނަފް / އއ.ރަސްދޫ އަސަރީ
ޒުވާނުންގެ އެވޯޑަކީ، ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ ހިތްވަރުދީ، ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިފަހަރުގެ ޒުވާނުންގެ އެވޯޑު ނުވަ ދާއިރާއަކަށް ހާއްސަކޮށްގެން ދިން ނަމަވެސް 18 ދާއިރާއަކަށް ވަނީ ހުޅުވާލާފައެވެ.
މިފަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ޔޫތު މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ޒުވާނުންގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ ދިރާސާ ރިޕޯޓު އިފްތިތާހް ކޮށްދެއްވާފައެވެ. ރިޕޯޓް އިފްތިތާހް ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުންގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ ދިރާސާ ރިޕޯޓު ނައިބުރައީސް އިފްތިތާހް ކޮށްދެއްވަނީ-- ފޮޓޯ/ރައީސްއޮފީސް
މި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ، ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަނެ، ޒުވާނުން ކުށްކުރުމާ ދުރުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުންފަދަ ކަންކަމުގެ މައްޗަށެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.