ސަރުކާރުން ވަކި ކަމެއް ހުއްޓާލަން އިންތިޚާބީ ރައީސަށް ނޭންގޭނެ: އޭޖީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

މިހާރުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދެމުން އަންނަ ކަންކަން ހުއްޓާލަން އެންގުމުގެ ބާރު ގާނޫނީގޮތުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންތިގާލީ އޮފީހުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ އިންތިގާލީ މުއްދަތުގެ ތެރޭގައި ވަކި ކަންކަމެއް ނުކުރުމަށް އެދިލައްވައިފައެވެ.

ރައީސް ޞާލިޙު ވަނީ އެމަނިކުފާނު އެދިލެއްވި ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން އެޓާނީ ޖެނެރަލް ރިއްފަތު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް އޭރަކު އޮންނަ ސަރުކާރަށް ވަކި ކަންތައްތަކެއް ކުރަން އަދި ނުކުރަން އެންގުމުގެ ބާރު ނޯންނަ ކަމަށެވެ.

ރިއްފަތު އެ ވިދާޅުވި ގާނޫނުގައި އޮންނަނީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އިޖުރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އިންތިޚާބީ ނައިބު ރައީސަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުމާއި ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޭދަ ކުރެވޭނެ ފައިސާއާ ބެހޭ އުސޫލުތަކެކެވެ.

"އޭގައި ނޯންނާނެ އޭރު ދެމިއޮންނަ ސަރުކާރުން ކުރާ މަސައްކަތްތައް ދޭ ހިދުމަތްތައް ވަކިގޮތަކަށް ނުކުރަން، ކުރަން އަންގަން ޖެހޭނެއޭ އެކަހަލަ އެއްވެސް ބާރެއް ދީފައެއް ނޯންނާނެ. އެހެންވީމަ ގާނޫނުގައި ކަޅާއި ހުދުން ދީފައި ނެތް ބާރަކަށް ކިހިނެއްތޯ އަޅުގަނޑުމެން އަމަލު ކުރާނީ،" ރިއްފަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލަށް އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާއެއް އޭރަކު އޮންނަ ސަރުކާރެއްގައި ވަކި ކަންތައްތަކަކަށް އެދިވަޑައިގަތުމުން އިޖާބަ ދިނުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އޮންނަ އުސޫލެއް ކަމަށެވެ. އެކަމަކު އެކަމަށް އިޖާބަ ދޭންވާނީ ދެމިއޮންނަ ސަރުކާރަކުން ރައްޔިތުންނަށްޓަކައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަށް ކަމަށެވެ.

މި މަރުހަލާގައި ނުގަވައިދުން ކަންތައްތަކެއް ކުރާނަމަ އެކަންކަން ބެލުމުގެ ފުރުސަތު ފަހިވެފައި އެބައޮތް ކަމަށް ރިއްފަތު ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އިންތިޒާމު ނިޒާމުގެ ތެރެއިން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު ވެސް ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ރައްޔިތުންނަށްޓަކައި އެ ސަރުކާރުން ވެފައި އޮތް ވައުދެއް ފުއްދުމަށް ކުރާ މަސައްކަތް ހުއްޓާލަން ނުޖެހޭނެ ކަމަށް އަންގާފައި އެބައޮތް ކަމަށެވެ.

comment ކޮމެންޓް