މާލޭ އޯކިޑު ރޫޓުގެ ބަސް ދަތުރުތަކަށް ބަދަލެއް

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އޯކިޑް ރޫޓުގެ ބަސް ދަތުރުތަކަށް މިއަދުން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އޯކިޑް ރޫޓުގެ ބަސްދަތުރު ތަކަށް މި ގެންނަ ބަދަލަކީ ހެންވޭރު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ސަބަބުން ގެންނަ ބަދަލެއް ކަމަށެވެ.

އަދި މި ފުޓްބޯލް ފިއެސްޓާ އާ ގުޅިގެން މިއަދުން ފެށިގެން މި އަންނަ ހޮނިހިރު ދުވަހާ ހަމައަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށް ފުލުހުން ބުނެފައިވާތީ ގެނެވިފައިވާ ބަދަލެއް ކަން ވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.

އެގޮތުން ދެން އޯކިޑު ރޫޓުގެ ބަސް މަޖީދީމަގުން ދަތުރުކުރާނީ އަމީރު އަހުމަދު މަގާއި ސޯސަން މަގުން ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އިތުރަށް އެމްޓީސީސީން ބުނީ މި ހަތަރު ދުވަހު ބަހުގެ އޯކިޑު ރޫޓުގެ ބަސް ދަތުރުތަކަށް މި ގެނެވޭ ބަދަލާ ގުޅިގެން މި ރޫޓުގެ ބަސް، ޖެޓީ 5 ، އެމްޓީސީސީ ޓަވަރު، ކާނިވަލް އަދި އާޓިފިޝަލް ބީޗުގެ އިތުރުން މުނި އުފާ ބަސްހުއްޓިއަށް ވެސް މަޑު ނުކުރާނެ ކަމަށެވެ.

comment ކޮމެންޓް