ނަފްސާނީ ދުޅަހެޔޮ ކަމަށް އާ ސަރުކާރުން އިސްކަން ދޭނަން: މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު--ސަން ފޮޓޯ/ އިސްމާއިލް މުނައްވަރު

ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އެމަނިކުފާނުގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާ ގުޅުވައިގެން މިއަދު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދެން ޖެހޭ އަސާސީ ހައްގެއް ކަމަށެވެ.

މީގެ އިތުރަށް އެ ޓްވީޓުގައި އެ މަނިކުފާނު ވިދާޅުވީ މި އަސާސީ ހައްގު ކަށަވަރު ކޮށްދިނުމަށްޓަކައި ވެސް ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް ހުންނަ ކަމަށެވެ.

"މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެންނެވެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

ދިވެހި ރާއްޖޭގައި ނަފްސާނީ ބަލިތަކަކީ މިހާރު ވަރަށް އާންމު ވެފައިވާ ބަލިތަކެކެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަން ބޭނުންވެ، ނުލިބިފައި ތިބި މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ.

މި ކަންކަމަށް މި ސަރުކާރުގައިވެސް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން، ރާއްޖޭގެ އެންމެ ފުރަތަމަ މެންޓަލް ހެލްތް ސެންޓަރެއްވެސް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމު ކުރީ ވެސް މި ސަރުކާރުންނެވެ.

އަދި އޭގެ ފަހުން މި ސަރުކާރުންވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި، ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭ ގޮތް ވެސް ފަހި ކޮށްދީފައެވެ.

ކޮންމެ އަހަރަކުވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސްކަމުން ކޮންމެ އަހަރަކުވެސް އެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

comment ކޮމެންޓް