މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހުންނަ ސެންޓަ ފޯ މެންޓަލް ހެލްތްގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ނުދެއްކި މި ވަގުތު ކިޔޫގައި ތިބީ 662 މީހުން ކަމަށް މިއަދު އެ ހޮސްޕިޓަލުން ބުނެފިއެވެ.
މީގެ ކުރިން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން އެދި ކިޔޫގައި ތިބޭ މީހުންގެ އަދަދު އެތައް ހާހަކުން މައްޗަށް އަރައެވެ. އެހެންކަމުން އައިޖީއެމްއެޗްއިން ޑޮކްޓަރަށް ދެއްކެނީ ނަން ނޯޓް ކުރާތާ އެތައް މަހެއް ފަހުންނެވެ. އޭގެ ސަބަބުން ބަލިބޮޑުވެ ވަރަށް ހާލުގައި މީހުން އުޅެން ޖެހެއެވެ.
ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު އައިޖީއެމްއެޗްގެ ކޯލް ކެންޓަރަށް ގުޅުމުން ބުނީ މިހާރު ކިޔޫގައި ތިބީ 662 މީހުން ކަމަށާއި މިއަދު ކިޔޫގައި ޖެހިއްޖެ ނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.
އިތުރު ތަފްސީލު ހޯދުމަށްޓަކައި މެންޓަލް ހެލްތް ސެންޓަރުގެ ރަސްމީ ބަހެއް ހޯދުމަށް އައިޖީއެމްއެޗްގެ މީޑިއާ މެދުވެރިކޮށް ލިޔުމުން ހުށަހެޅުމުން އެކަމަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އިއްޔެ އާއި މިއަދު އެ ސެންޓަރަށް ފޯނު ކުރުމުން ފޯނަށް ޖަވާބު ދީފައެއް ވެސް ނުވެއެވެ.
މިހާރު މަހެއްހާ ދުވަހުގެ ތެރޭގައި ޑޮކްޓަރަށް ދެއްކޭއިރު އަދިވެސް އެއީ އެންމެ ރަނގަޅު ހިދުމަތެއް ނޫނެވެ. ނަމަވެސް ކުރިއާ އަޅާބަލާއިރު މިވަނީ ރަނގަޅު ވެފައެވެ. ކުރިން އެ ސެންޓަރަށް ޑޮކްޓަރަށް ދެއްކުމަށް ގިނަ މަސްތަކެއް ހޭދަވެއެވެ.
ނަފްސާނީ ބަލިތައް ހުންނަ މީހުންނަށް ބޭސް ދިނުމުގެ އިތުރުން ތެރަޕީތައް ވެސް އެ ސެންޓަރުން އަންނަނީ ދެމުންނެވެ. އައިޖީއެމްއެޗްގެ އެ ސެންޓަރުން ދޭ އެއްވެސް ހިދުމަތަކަށް ދިވެހީންގެ އަތުން ފައިސާއެއް ނުނަގައެވެ. އާސަންދައިން މުޅި ހިދުމަތް ކަވަރު ކުރެއެވެ.
ނަފްސާނީ ބަލިތައް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަހަށް ފަރުވާ ނުލިބުމެވެ. އަދި ހަމައެއާއެކު ނަފްސާނީ ބަލިތަކާ މެދު ދެކޭ ބޯދާ ވިސްނުންތަކުގެ ސަބަބުން ވެސް ފަރުވާ ހޯދަން މީހުން ޖެހިލުންވެއެވެ.
އައިޖީއެމްއެޗްގެ އިތުރުން އެހެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެއެވެ. ނަމަވެސް އެތަންތަނުން ހިދުމަތް ހޯދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަގުތައް ބޮޑުވުމެވެ.
ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވިގެން ދިއުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.