މާބޮޑަށް މާޔޫސްވުމާއި އިންތިހާއަށް ބިރުގަތުމާއި ހިތަށް ހިތްހަމަޖެހުމެއް ނުލިބި އުޅެން ޖެހޭ ދިވެހީން މަދެއް ނޫނެވެ. އެ އަދަދު ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވެސް ވަމުންނެވެ. މިކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގެ އިތުރުން އާއިލީ ގުޅުމަށް އެބަ ފޯރައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ އެތައް މައްސަލައެއް އެބަ ފެންމަތިވެއެވެ. ހަގީގަތަކީ ދިވެހީންގެ ނަފްސާނީ ސިއްހަތު ހުރީ އުފާކުރަން ޖެހޭ ހާލަތުގައި ނޫން ކަމެވެ.
އެހެން ބަލިތަކެކޭ އެއްގޮތަށް ނަފްސާނީ ބަލިތަކަށް ވެސް ފަރުވާ ބޭނުންވެއެވެ. އެކި މީހުންނަށް އެކި ފެންވަރުގައެވެ. ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ އަވަސް ފަރުވާ ނުލިބުމެވެ. ފަރުވާ ހޯދުމަށާއި މިފަދަ ބަލިތަކަށް ރައްކާތެރިވުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރީ ނުކުރެވިއެވެ. މި މުޅި މައްސަލަ ހައްލު ކުރެވެން އޮތީ ބޮޑެތި ބަދަލުތަކެއް ގެނެސް ގެންނެވެ. އެކަން ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިވަނީ ޚާއްޞަ ޑިޕާޓްމަންޓެއް ހެލްތް މިނިސްޓްރީގައި އުފައްދަވާފައެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މި ޑިޕާޓްމަންޓްގެ ވާހަކަ ދައްކާލަން ޖެހެއެވެ.
ބަދަލުވީ ނަން ބޯޑް އެކަނި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ހެލްތު މިނިސްޓްރީގައި އުފެއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިފަދަ ޑިޕާޓްމަންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ. އެ ޑިޕާޓްމަންޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ރައީސް ހަވާލު ކުރެއްވިއެވެ. މީގެ ކުރިން ނަފްސާނީ ސިއްހަތުގެ މަސައްކަތް ކުރަމުން ދިޔައީ އެޗްޕީއޭގެ ދަށުގައި އޮންނަ ޕްރޮގްރާމަކުންނެވެ.
މެންޓަލް ހެލްތް ޑިޕާޓްމަންޓްގެ ޕަބްލިކް ހެލްތު ކޯޑިނޭޓާ އައިމިނަތު ޝަހުޒާ ވިދާޅުވިގޮތުގައި އެ ޑިޕާޓްމަންޓް އުފެއްދިފަހުން މިހާތަނަށް އަދި އިތުރު އެއްވެސް މުވައްޒަފަކު ލިބިފައެއް ނުވެއެވެ. މިހާރު ވެސް އެ ޑިޕާޓްމަންޓުގައި ތިބީ ކުރިން ޕްރޮގަރްމާގައި ތިބި ފަސް މުވައްޒަފުން އެކަންޏެވެ.
"މި ޑިޕާޓްމަންޓްގެ ހުރިހާ އެލެމެންޓްތަކެއް ހަމަނުވާތީވެ ސީދާ ފަންކްޝަންވާންޖެހޭ ލެވަލްގައި {ނުވޭ}. ޕްރޮގްރާމްގައި އެޗްޕީއޭގައި ކުރަމުން އައި މަސައްކަތްތައް ކުރަމުން މި އަންނަނީ،" ޝަހުޒާ ވިދާޅުވިއެވެ.
މެންޓަލް ހެލްތް ޑިމާންޓްމަންޓް ރަނގަޅަށް ހިންގުމަށް 22 މުވައްޒަފުން ބޭނުންވެއެވެ. އަދި ތިން މިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ބޭނުންވެއެވެ. ނަމަވެސް އެ ޑިޕާޓްމަންޓް ރައީސް އުފެއްދެވިތާ ނުވަ މަސްވީއިރު އެކަންކަން ހެލްތް މިނިސްޓްރީން އަދި ހަމަޖައްސައެއް ނުދެއެވެ. އަދި މިހާތަނަށް އިތުރަށް އެންމެ މުވައްޒަފެއް ވެސް ނެތްއިރު ބަޖެޓްގެ ދަތިކަން ވެސް ބޮޑެވެ. އަދި މަސައްކަތް ކުރަން ބޭނުންވާ އޮފީސް ޖާގައެއް ނެތެވެ.
ޑިޕާޓްމަންޓެއް ހިންގުމަށް އެންމެ މުހިންމު އެއް ކަމަކީ ވެރިއަކު ހުރެ، ހިންގުންތެރިކަން ރަނގަޅު ކުރުމެވެ. އެކަން ކުރުމަށް މި ޑިޕާޓްމަންޓުގައި ވެސް ޑިރެކްޓާ ޖެނެރަލް އޮފް މެންޓަލް ހެލްތުގެ މަގާމުގައި ބޭފުޅަކު ހުންނަން ލާޒިމު ކުރެއެވެ. ނަމަވެސް ނުވަ މަސްވީއިރު އެ މަގާމަށް ބޭފުޅަކު އައްޔަނެއް ނުކުރެއެވެ. އެ މަގާމަށް ބޭފުޅަކު ހުންނަން ޖެހެނީ މަތީފަޑީގައި ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަންކަމުގައި ލޮބީކޮށް، ހައްލު ހޯދައިދިނުމަށެވެ. އަދި ޑިޕާޓްމަންޓް ރަނގަޅަށް ހިންގުމަށެވެ.
ރައީސް ގިނަ ޒިންމާތަކެއް ހަވާލު ކުރެއްވިނަމަވެސް އެންމެ ފަސް މުވައްޒަފުންނާއި ބަޖެޓްގެ ދަތިކަމުގެ ސަބަބުން އެކަން ކުރަން ވަނީ ނުކުޅެދިފައެވެ. މިހާރު އެ ފަސް މުވައްޒަފަޒުން ކުރަމުން އަންނަނީ އެކިއެކި ޓްރެއިނިންތައް ހިންގުމާއި ޑޭޓާ އެއްކުރުން ފަދަ މަސައްކަތެވެ. ކުރަން ޖެހި، ނުކުރެވި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.
އެތައް ކަމެއް ނުވެ
ނަފްސާނީ ސިއްހަތާ ބެހޭ ޑިޕާޓްމަންޓަށް އަޅާނުލެވި އޮތްއިރު އެ ދާއިރާއިން ކޮންމެހެން ކުރަންޖެހި، ނުކުރެވި ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ނަފްސާނީ ސިއްހަތާ ގުޅޭ ގާނޫނެއް ހެދުން ހިމެނެއެވެ. އެފަދަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އެއް ފަހަރު މަޖިލީހަށް ވެސް ފޮނުވިއެވެ. ނަމަވެސް އެ ޑްރާޕްޓް ފުރިހަމަ ނުވުމުން އަނބުރާ ނެގީއެވެ. އޭގެ ފަހުން އަދި މަޖިލީހަކަށް ހުށައެއް ނާޅައެވެ. މި ދައުރު ސަރުކާރާއި މަޖިލީހުގެ ދައުރު ނިމެން ދާއިރު އެކަން އޮތީ ނުވެއެވެ.
އަނެއްކަމަކީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ވުމެވެ. މިހާރު ރާއްޖޭގައި ނަފްސާނީ ފަރުވާތައް އެންމެ ބޮޑަށް ދެމުން އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި ހުންނަ މެންޓަލް ހެލްތް ސެންޓަރުތަކުގައެވެ. އަތޮޅުތެރޭގެ ފަސް ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭ ޑޮކްޓަރުން ތިބެއެވެ. ނަމަވެސް އަތޮޅުތެރޭގައި މުޅިން ތިބީ ބޭރު ޑޮކްޓަރުންނެވެ. ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ދެއްވާ ދިވެހި ހަތް ޑޮކްޓަރުން ވެސް މަސައްކަތް ކުރައްވަނީ މާލޭގައެވެ. މަސައްކަތް ކުރާނެ މީހުން ނުލިބޭތީ ތެރަޕީއާއި ކައުންސިލިން ވެސް އަތޮޅުތެރެއިން ހޯދުން ވެފައިވަނީ ވަރަށް ދަތި ކަމަކަށެވެ. އެހެންކަމުން މި ދާއިރާއިން އިންސާނީ ވަސީލަތް ރަނގަޅު ކުރުމަށް ކުރަން ޖެހިފައިވާ މަސައްކަތް ގިނައެވެ.
ރާއްޖޭގެ ނަފްސާނީ ބަލީގެ ހާލަތު ދެނެގަތުމަށް ރަނގަޅު ދިރާސާއެއް ހެދިފައެއް ނެތެވެ. ރާއްޖޭގެ މިވެނި ޕަސެންޓެއްގެ ބަޔަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުން އަންނަ މީހުންނޭ ބުނެވޭ ފަދަ ދިރާސާއެއް އެންމެ ފަހުން ހަދާފައިވަނީ ވެސް 2003 ވަނަ އަހަރުއެވެ. ނަފްސާނީ ބަލީގެ ހާލަތު މިހާރު ވެސް ބުނެދޭން ޖެހެނީ އެ ދިރާސާއަށް ބިނާކޮށެވެ. އޭގެ ފަހުން 20 އަހަރު ފާއިތުވެގެން ދިޔައިރު އެފަދަ ތަފްސީލީ ދިރާސާއެއް ހެދިފައެއް ނެތެވެ. މިހާރު ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތްގޮތް ސާފުކޮށް ބުނެދިނުމަށް ދިރާސާތައް ހަދަން މިވަނީ ކޮންމެހެން ޖެހިފައެވެ. އެކަން ވާންއޮތީ މެންޓަލް ހެލްތް ޑިޕާޓްމަންޓް ފުރިހަމައަށް ހިންގައިގެންނެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މެންޓަލް ހެލްތު ޑިޕާޓްމަންޓުން ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ލާޒިމު ކޮށްފައެވެ. އޭގެ ތެރޭގައި ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން ހިމެނެއެވެ.
ހަމައެހެންމެ ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް އެކުލަވާލައި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތްބަލައި މޮނީޓާކުރުމާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަދަލު ގެނައުން ވެސް ހިމެނެއެވެ.
ޑިޕާޓްމަންޓުން ކުރަން ޖެހޭ މުހިންމު އަނެއް ކަމަކީ އެ ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުމެވެ. އަދި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެއްބާރުލުން ހޯދުން ހިމެނެއެވެ.
މި ދާއިރާއިން އިންސާނީ ވަސީލަތްތައް މަދުވެފައިވާއިރު ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ޤާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަކީ ވެސް ޑިޕާޓްމަންޓުގެ ޒިންމާއެކެވެ.
ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެގޮތުން އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުމަކީ ވެސް މި ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތެކެވެ.
ހަމައެހެންމެ ނަފްސާނީ ސިއްޙަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭން ވެސް ޖެހެއެވެ. މިފަދަ އެތައް ޒިންމާއެއް އެ ޑިޕާޓްމަންޓަށް ވަނީ ހަވާލުކުރައްވާފައެވެ. ނަމަވެސް އެންމެ ފަސް މުވައްޒަފުންނާއެކު އެކަން އޮތީ މިއަދާ ހަމައަށް ވެސް ނުވެއެވެ.
މިސަރުކާރު އައި ފަހުން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއާ އަޅާބަލާއިރު ރާއްޖޭގައި ވަނީ ވަރަށް ރަނގަޅުކޮށްފައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޚާއްޞަ ސެންޓަރެއް އައިޖީއެމްއެޗްގައި ވަނީ އުފައްދާފައެވެ. އެފަދަ ސެންޓަރެއް މިދިޔަ އަހަރު ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ވަނީ އުފައްދާފައެވެ. އެތަންތަނުން ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި އެބަތިއްބެވެ. ފަރުވާ ބޭނުންވެފައި ނުލިބިފައި އެތައް ބަޔަކު އެބަތިއްބެވެ. ޚާއްޞަށކޮށް އަތޮޅުތެރޭގައި ފަރުވާގެ ކަންކަން އޮތީ ދަށްކޮށެވެ.
ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި ވަރަށް ދަށް ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައެއް ނެތެވެ. މި ހާލަތު ބަދަލު ކުރުމަށް ކުރަންޖެހި ނުކުރެވި އެތައް ކަމެއް އެބަހުއްޓެވެ. އެ ހާލަތުގައި އޮށްވައި ލިބުނު އުއްމީދަކީ އެކަމަށް ޚާއްޞަ ޑިޕާޓްމަންޓެއް އުފެއްދުމެވެ. ނަމަވެސް ހަގީގަތަކީ އެ ޑިޕާޓްމަންޓް ފަންކްޝަން ނުވާ ކަމެވެ. އެ ޑިޕާޓްމަންޓަށް މިއޮތީ ފަރުވާ ބޭނުންވެފައެވެ.