މެންޓަލް ހެލްތު ޑިޕާޓްމަންޓް: ހަ މަސްވީއިރު ކުރެވުނު މާބޮޑު ކަމެއް ނެތް!

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެންމެ އާއްމު އެއް މައްސަލަ ކަމަށްވާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ އަހަރު ހެލްތު މިނިސްޓްރީގައި އުފެއްދެވި "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް"އަށް ހަ މަސްވީއިރު އެ ޑިޕާޓްމަންޓް ރަނގަޅަށް ނުހިނގާކަން "ސަން"އަށް އެނގިއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ހެލްތު މިނިސްޓްރީގައި އުފެއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިފަދަ ޑިޕާޓްމަންޓެއް އުފެއްދި ފުރަތަމަ ފަހަރެވެ. އެ ޑިޕާޓްމަންޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ރައީސް ހަވާލު ކުރެއްވިއެވެ.

https://sun.mv/169902

ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިގޮތުގައި އެ ޑިޕާޓްމަންޓް އުފެއްދި ފަހުން ހަ މަސް ފާއިތުވެދިޔައިރު، ހަވާލު ކުރެވިފައިވާ ކަންކަން އެއްވެސް ގޮތަކަށް ނުހިނގައެވެ. އަދި އެ ޑިޕާޓްމަންޓަށް މާބޮޑު އަޅާލުމެއް މިނިސްޓްރީން ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސް ބޭފުޅަކާ ވެސް ޑިޕާޓްމަންޓް ހަވާލުކޮށް ފަންކްޝަން ކުރަން ފެށޭހާ ދުވަސް ވެއްޖެ ނޫންތޯ. އެކަމަކު އެ ކަމެއް ނުހިނގާ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ނަފްސާނީ ސިއްހަތާ ބެހޭ ގާނޫނެއް އެކުލަވާލުމާއި އަތޮޅުތެރޭގައި އެފަދަ ބަލިތަކަށް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުން ފަދަ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު އެފަދަ މަސައްކަތެއް އެ ޑިޕާޓްމަންޓުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަށީގެންވާ ވަރަށް މުވައްޒަފުންނެއް ނެތް. މިނިސްޓްރީ ތެރެއިން އެ މަސައްކަތަކަށް އެއްބާރުލުމެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

އެ ޑިޕާޓްމަންޓުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލު ހޯދުމަށް ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތަކަށް މި ނޫހުން ތަކުރާރުކޮށް ގުޅުމުން ވެސް ރަސްމީ އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

https://sun.mv/171352

މިސަރުކާރު އައި ފަހުން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއާ އަޅާބަލާއިރު ރާއްޖޭގައި ވަނީ ވަރަށް ރަނގަޅުކޮށްފައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ސެންޓަރެއް އައިޖީއެމްއެޗްގައި ވަނީ އުފައްދާފައެވެ. އެފަދަ ސެންޓަރެއް މިދިޔަ އަހަރު ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ވަނީ އުފައްދާފައެވެ. އެތަންތަނުން ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި އެބަތިއްބެވެ. ފަރުވާ ބޭނުންވެފައި ނުލިބިފައި އެތައް ބަޔަކު އެބަތިއްބެވެ. ހާއްސަކޮށް އަތޮޅުތެރޭގައި ފަރުވާގެ ކަންކަން އޮތީ ދަށްކޮށެވެ.

ނަފްސާނީ ބަލިތަކުގެ ހާލަތު ދަށްވުމުން އެކަން ރަނގަޅު ކުރުމަށް ރައީސް އުފެއްދެވި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ ކަންތައްތަކެއް ކުރަން ލާޒިމް ކޮށްފައިވެއެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ މަސައްކަތްތައް

1. ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން.

2. ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް އެކުލަވާލައި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތްބަލައި މޮނީޓަރކުރުމާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން.

3. ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފްސާނީ ޞިއްޙީ ޚިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

4. ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން.

5. ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެއްބާރުލުން ހޯދުން.

6. ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން.

7. ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން.

8. ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ޤާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

9. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ކޯސްތައް އެކުލަވައިލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

10. ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޚިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

11. ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެގޮތުން އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.

12. ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.

13. ނަފްސާނީ ސިއްޙަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

14. ނަފްސާނީ ސިއްޙަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް ހާމަކުރުން.

މިހާ ގިނަ އަދި މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ޑިޕާޓްމަންޓް ފަންކްޝަން ނުކުރުމަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ބޭފުޅުންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް