މުދައްރިސުން ރަޖިސްޓްރީކުރުމާއި ލައިސެންސް ދިނުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މުދައްރިސުން ރަޖިސްޓްރީވެ ލައިސެންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އެ ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ދޭނީ ޑިޖިޓަލް ލައިސެންސެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މުދައްރިސްކަމުގެ ލައިސެންސް ތައާރަފްކުރުމުގެ މަގުސަދަކީ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި މުޖުތަމައު ގަބޫލުކުރާ އަޚްލާގީ ސިފަތައް އަށަގެންފައިވާ ބަޔަކަށް ހެދުމަށް މަގުފަހިކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ވަޒީފާގައި ތިބޭ މުދައްރިސުންނަކީ ފަންނީ ގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓަރީވެ ލައިސެންސް ހޯދަން ޖެހޭކަމަށާއި މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ދެވޭނީ ލައިސެންސް އޮވެގެންކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންވެ، ޚިދުމަތުގައި ތިބި ހުރިހާ މުދައްރިސުން ލައިސެންސް ހޯދަންވާނެ ކަމަށާއި އެއީ މުދައްރިސުންގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މުދައްރިސްކަމުގެ ލައިސެންސްގެ ތަފާތު ތިން ބާވަތެއް ވެއެވެ. އެއީ:
- ޓީޗިން ލައިސެންސް
- ސްކޫލް ލީޑާޝިޕް ލައިސެންސް
- ސްކޫލް ޕްރޮފެޝަނަލް ލައިސެންސް
މިހާރު ޚިދުމަތުގައި ތިބި ޓީޗަރުންނަށް ލައިސެންސް ދިނުމުގެ މަސައްކަތް ވަނީ މިދިޔަ އޯގަސްޓުމަހުގެ ހަވަނަ ދުވަހު ފަށައިފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މުދައްރިސުންނަށް ލައިސެންސް ދިނުމާ ގުޅޭ އިދާރީ އެންމެހާ ކަންތައްތައް އަންނަ ޖަނަވަރީ މަހަށް ނިންމައިލެވޭނެއެވެ.
އެ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކައި ކިޔަަވައިދޭ އެ ނޫންތަންތަނުގައި ވެސް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ ލައިސެންސް އޮވެގެންނެވެ.