ދެކުނުގެ އަތޮޅުތަކުން އާރުޓީއެލް ދަތުރުތަކަށް އަގު ނަގަން ފަށައިފި

ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް

ރާއްޖޭގެ ދެކުނުގައި ކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ އާއި ފުވައްމުލަކު ހިމެނޭ ޒޯން ހައެއް އަދި، ގއ. އަތޮޅާއި ގދ. އަތޮޅު ހިމެނޭ ޒޯން ފަހެއްގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ. ނަމަވެސް، ފަށައިގެން އައިއިރު ދަތުރުތަކަށް އަގެއް ނުނަގައެވެ.

މިދިޔަ ހަފުތާގައި ޕްލޭނިން މިނިސްޓްރީން ވަނީ އެ ދަތުރުތަކުގެ އަގުތައް އާންމުކޮށްފައެވެ. އެގޮތުން:

އައްޑު އަތޮޅުގެ އެތެރޭގެ އާރުޓީއެލް ފެރީ ދަތުރުތަކަށް:

ޏ. ފުވައްމުލައް - ސ. ހުޅުމީދޫ: ކޮޅަކަށް 250 ރުފިޔާ، ދެކޮޅަށް 450 ރުފިޔާ.

ޏ. ފުވައްމުލައް - ސ. ފޭދޫ: ކޮޅަކަށް 250 ރުފިޔާ.، ދެކޮޅަށް 450 ރުފިޔާ.

ސ. ހުޅުމީދޫ - ސ. ފޭދޫ: ކޮޅަކަށް 55 ރުފިޔާ.، ދެކޮޅަށް 100 ރުފިޔާ.

ހައިވޭލިންކްގައި އާރުޓީއެލް ފެރީ ދަތުރުތަކުގެ އަގު

ގދ. ވާދޫ - ސ. ހުޅުމީދޫ: ކޮޅަކަށް 490 ރުފިޔާ. ދެކޮޅަށް 880 ރުފިޔާ.

ގދ. ވާދޫ - ޏ. ފުވައްމުލައް: ކޮޅަކަށް 250 ރުފިޔާ.، ދެކޮޅަށް 450 ރުފިޔާ.

އެމްޓީސީސީން މިއަދު ބުނީ އާރްޓީއެލް ފެރީން ދަތުރުކުރުމަށް މި ރޫޓުތައް ބޭނުން ކުރާ ކަސްޓަމަރުންނަށް މިރެއިން ފެށިގެން، އެމްޓީސީސީން އެކަމަށް ޚާއްޞަ ކޮށްފައިވާ ވެބްސައިޓް އާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ނެގޭނެ ކަމަށެވެ.

އަދި ހިލޭ ދަތުރުކުރުމުގެ މުއްދަތު މިރޭ ހަމަވުމާއެކު ކައުންސިލު މެދުވެރިކޮށް ދެން އިތުރަށް ޓިކެޓު ނުނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޓިކެޓް ނަގާނެ ގޮތުގެ ވީޑިއޯ އާރްޓީއެލްގެ ޔޫޓިއުބް އާއި ސޯޝަލް މީޑިއާގައި ޝާއިއު ކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އާރްޓީއެލްގެ ޓްރެވެލް އެޕް, އެޕަލް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތްދޭން ފެށި ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރެޖިސްޓާ ވެފައިވާ ޚާއްސަ އެހީއަށް ބޭނުންްވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

comment ކޮމެންޓް