ތިން މަހުގެ ކުއްޖެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގި މީހަކު ގޭ ބަންދަށް

ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ މީހަކު ވަނީ ކުޑަ ކުއްޖެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާތަކެއް ހޯދާފަ ---- (ފޮޓޯ/އަބޫއިޝް)

ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ފައިސާގެ އެހީއަށް ބޭނުންވެފައިވާ ތިން މަހުގެ ތުއްތު ކުއްޖެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ނުވަ މަސް ދުވަހު ގޭގައި ބަންދު ކުރުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މަކަރާ ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ, ކުޅުދުއްފުށީ މުލުތެރޭގެ، އަހްމަދު މުހައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ, ތިން މަހުގެ ތުއްތު ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ފައިސާގެ އެހީތެރިކަމަށް އެދި އެ ކުއްޖާގެ އާއިލާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް ނަކަލުކޮށް އޭގައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަންބަރު ބަދަލުކޮށް އެހެން އެކައުންޓެއް ހިމަނައިގެން މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށެވެ.

އެގޮތުން އެ ޕޯސްޓަށް ބަދަލު ގެނެސް އޭގައި ހިމަނާފައިވަނީ އަހުމަދު މުހައްމަދުގެ ބައްޕަގެ އެކައުންޓު ނަންބަރު ކަމަށް ވެސް ދައުވާއިން އެނގެއެވެ. ދެހާސް ވިހި ވަނަ އަހަރު, ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހަކު ވަނީ އެ އެކައުންޓަށް 2100 ރުފިޔާ ވެސް ފޮނުވާފައެވެ.

އަހުމަދު މުހައްމަދު ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އިއުތިރާފުވެފައެވެ. އަދަބެއްގެ ގޮތުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޖަލު އަދަބު ގޭ ބަންދަށް ބަދަލު ކުރުމުން, އެ މުއްދަތު ވަނީ ނުވަ މަހާއި 18 ދުވަހަށް އިތުރުވެފައެވެ.

އޭނާގެ މައްޗަށް މީގެ ކުރިން ވެސް އެ ފަދަ ކުށެއް ސާބިތުވެފައިވާ ކަމަށް ހުކުމުގައި އޮތެވެ.

comment ކޮމެންޓް