މިއަދު ހދ. ކުޅުދުއްފުށީގައި، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ޑޮލަރު އޭޓީއެމްގެ ޙިދުމަތްދޭން ފަށައިފިއެވެ.
އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމްގެ ޚިދުމަތް، ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.
ބީއެމްއެލްއިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގެ ދެ ތަނެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތްދެމުންނެވެ.
ބޭންކުން ބުނީ، ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެކަމަށެއެވެ. އަަދި ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސާވިސް ބޭންކިން ޚިދުމަތްތައް ވެސް ލިބޭނެކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި:އެ ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ވާހަދައްކަނީ----/ޕޮޓޯ/ބީއެމްއެލް
އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކެއްކަމަށާއި އެބޭފުޅުން ތިއްބަވާނީ ރައްޔިތުންގެެ ކުރިއެރުމުގެ ބައިވެރިއެއްގޮތުގައި ކަމަށެވެ. އަދި ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެ މަގުސަދަކަށްޓަކައި ކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި ޑޮލަރު އޭޓީއެމް އިތުރުކުރުމާއެކު، ބީއެމްއެލްއިން އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާފުށީގައި ޚިދުމަތްދޭ ޑޮލަރު އޭޓީއެމްގެ ވިއުގަތައް ވެސް ވަނީ އިތުރަށް ފުޅާ ކޮށްފައެވެ.
ބޭންކުން ބުނީ، ޅުދުއްފުށި ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓަރު، އަދި 158 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ދޭކަމަށް ވެސް ބެންކުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ކުންފުނީގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބޭންކުން ވަނީ ބުނެފައެވެ.