ވާރޭކޮޅެއް ވެހެލާއިރަށް ފެންބޮޑުވާ ޅ. ނައިފަރުގައި ފެން ނުހިދޭތާ ތިން ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިއަދު 'ސަން'އަށް ވިދާޅުވީ, އެ ރަށަށް ބޯކޮށް ވާރޭ ވެހޭތާ ގާތްގަނޑަކަށް ތިން ދުވަސް ވެއްޖެ ކަމަށާއި އެއާ އެކު ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ.
"މެދު ނުކެނޑި ފެން ހިއްކުމުގެ މަސައްކަތް ކުރާތާ މިއަދަށް މިއީ ތިން ވަނަ ދުވަސް. ހަތަރު ޕަންޕް ބޭނުންކޮށްގެން ރަށުގެ އެކި ހިސާބުގައި ބޮޑުވެފައިވާ ފެންގަނޑު މޫދަށް ބޭރުކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ," މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ދެ ގެއަކަށް ފެން ވަތް ނަމަވެސް ހިފާ ގެންގުޅޭ އެއްވެސް އެއްޗަކަށް ގެއްލުނު ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.
"އެހެން ފަހަރުތަކާ ހިލާފަށް މި ތިން ދުވަހު ހަމަ ވަރަށް ބޯކޮށް ގިނަ އިރު ވާރޭ ވެހެމުން މި ދަނީ. އެހެންވެ ފެންހިންދުމަށް ދަތިތަކެއް ކުރިމަތިވެގެން މި އުޅެނީ," މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލާ ގުޅިގެން ރައްޔިތުން މަސައްކަތް ކުރަމުން އަންނައިރު ސިފައިންގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ނައިފަރަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހިއްޖެނަމަ މަގުތަކުގައި އަބަދުވެސް ފެން ބޮޑުވާ ކަމަށާއި އެއީ އެ ރަށުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރެވިފައި ނުވާތީ ކަމަށް މުހައްމަދު ރަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މުޙައްމަދު ރަޝީދު ވިދާޅުވީ ފެން ހިންދާ ނިޒާމު ގާއިމުވާނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތުގެ މަޝްވަރާ ކުރާތާ ތިން އަހަރު ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ނުނިމުން ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ނިމުނު ނަމަވެސް ބައެއް ގޭގެއަށް އެ ޚިދުމަތް އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ. އެހެން ކަމުން ދޭތެރެއަކުން މަގު ކޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.