ސަން ސިޔާމް ވިލުރީފް ފެމިލީ ކްލަބުގެ ފަރާތުން ދުނިޔޭގެ އިރަށްވެހިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ވިލުރީފް ފެމިލީ ކުލަބުގެ ޗެއާޕާސަން މުހައްމަދު ހަމީދު 'ސަން'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ހަރަކާތަކީ ވިލުރީފް ފެމިލީ ކުލަބާއި، ދ. ރިނބުދޫ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު 4:45 އިން ފެށިގެން 6:00 އާ ހަމައަށެވެ.
އޭނާ ވިދާޅުވީ ހަރަކާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ، ދުވަސްވީ މީހުން ޒުވާނުންގެ މަރުކަޒަށް ގެނައީ ސަގާފީ ހަރަކާތެއްގެ ތެރެއިން ވަރަށް ޝަރަފުގައި ކަމަށެވެ.

ވިލުރީފުން ފާހަގަ ކުރި މުސްކުޅިންގެ ދުވަހުގެ ތެރެއިން--
މި ހަރަކާތް ފެއްޓެވުމަށްޓަކައި އެ ރަށު ކައުންސިލުގެ ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެއަށް ފަހު ވިލުރީފް ފެމިލީ ކުލަބުގެ ފަރާތުން ވަނީ އިތުރު ސަގާފީ ހަރަކާތްތަކެއް ގެނެސްދީފައެވެ.
މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވީ އުމުރުން ދުވަސްވެފައިވާ ބޭބޭފުޅުންގެ ތެރެއިން އިއްޒަތްތެރި ބޭބޭފުޅުންނަށް ވަނީ ރިސޯޓުގެ ފަރާތުން ތައްޔާރު ކުރި ހާއްސަ މޭވާ ވަށިގަނޑެއް ހަވާލުކޮށްފައެވެ.
ހަރަކާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން މުސްކުޅި ބޭފުޅުން ބައިވެރިވެލައްވައިގެން ކޭކެއް ފަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ. އަދި، އެއަށް ފަހު ހުރިހާ ބޭފުޅުންނަށް ހަވީރުގެ ސައިފޮދު އެރުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލުރީފުން ފާހަގަ ކުރި މުސްކުޅިންގެ ދުވަހުގެ ތެރެއިން--
މި ހަރަކާތުގައި އުމުރުން ދުވަސްވީ 40 ބޭފުޅުން ބައިވެރިވެލައްވައިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މީގެ އިރތުރުން މުއައްސަސާ ތަކުގެ އިސްވެރިންނާއި، ވިލުރީފްގެ މެނޭޖުމެންޓު ޓީމު ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެލައްވައިފައެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ރިނބުދޫ ކައުންސިލުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކޮށް ހަމީދު ވަނީ އެ އެ ރަށު ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ވިލުރީފުން ފާހަގަ ކުރި މުސްކުޅިންގެ ދުވަހުގެ ތެރެއިން--
މީގެ އިތުރަށް އޭނާ ވިދާޅުވީ މި ހަރަކާތްތަކަކީ ރިސޯޓަށް 25 އަހަރު ފުރުމާ ވެސް ގުޅުވައިގެން ކުރިއަށް ގެންދެވޭ ހަރަކާތްތަކެއް ކަމަށެވެ. އެގޮތުން މި މަސް ފެށިގެން ނިމެންދެން ވެސް ތަފާތު އެކި ހަރަކާތްތަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ސަން ސިޔާމް ކެއާގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށެވެ.