އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފުރުސަތު ދިނުމުގެ ގޮތުން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ނަގަން މަސައްކަތްކުރާ ވޯޓުގެ ކަންތައް މަޑު ޖައްސާލުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އެ އިންތިޚާބު މި މަހު 30 ގެ ކުރިން ބާއްވަން އަންގާފައެވެ.
ނަމަވެސް އެ ނިންމުމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން އުފެދި މި ދަނޑިވަޅުގައި އެ އިންތިޚާބް ނުބޭއްވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ, ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީން އެކަން މަޑު ޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒާ އެ ވާހަކަތައް ހިއްސާ ކުރެއްވި ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސަބަތްވާ ނަޝީދު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓް ޕާޓީގެ މެންބަރުން އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ. ޑިމޮކްރެޓް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށޭ," މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެކަން ފާހަގަކޮށް ނަޝީދު މުއިއްޒު އަރިހުގައި ވިދާޅުވީ, ނިޒާމީ ވާހަކަތައް އަބަދުވެސް މި މުޖުތަމައު ތެރޭގައި ދައްކަމުން އަންނާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ލަފައެއް ހޯދުމަށް މުއިއްޒު ދެކޮޅު ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"މުއިއްޒު ވިދާޅުވި ވަގުތުގައި އެމަސައްކަތަށް ގޮސް ފެންނަ ނުފެންނަ ވޯޓު އަހައި އެ މަސައްކަތް ކުރިއަށް ގެންދެވިދާނެ އޭ," ނަޝީދު ވިދާޅުވިއެވެ.
މުއިއްޒުގެ ފަރާތުން ލިބުނީ ހިތް ހަމަޖެހޭ ޖަވާބެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ ދައުރު ފަށައި އިންތިޚާބީ ރައީސް މުއިއްޒަށް ވެރިކަން ކުރުމަށް ރީތިކޮށް ފުރުސަތު ދެއްވުމަށް ނަޝީދު އެދިވަޑައިގަތެވެ. އަދި މަޖިލީހުގެ އެޖެންޑާގައި މިއަދު ބަހުސް ކުރަން ނިންމާފައިވާ ނިޒާމާ ގުޅޭ މައްސަލަ ކުރިއަށް ނުގެންދަން ވެސް ވަނީ ނިންމައިފައެވެ.
މި މަހުގެ ބާކީ އޮތް މުއްދަތުގައި ނިޒާމީ ވޯޓު ނެގެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާފައެވެ. މިއަދުގެ އެޖެންޑާގައި އޮތީ އީސީން ފޮނުވި އެ ސިޓީ އިއްވައި އެ ކަމަށް ބަހުސް ކުރުމެވެ.