އެމްޑީޕީއަށް މަޖިލީހާއި 2028ގެ ވެރިކަން ހޯދައިދޭން މަސައްކަތް ފަށައިފިން: ރައީސް

ސެޕްޓެމްބަރު 3، 2023: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މިހާރު އަމާޒަކަށް ހައްދަވައި، މަސައްކަތް ފައްޓަވާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުން އެމްޑީޕީއަށް އަޣުލަބިއްޔަތު ހޯދައިދީ، 2028 ވަނަ އަހަރު އެ ޕާޓީ ވެރިކަމަށް ގެނައުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީކޮށް ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އިސް ލީޑަރު، ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީން މިހާރު ދަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ތައްޔާރުވަމުން ކަމަށެވެ. އަދި އެ ޕާޓީއަށް އިދިކޮޅުގައި އޮވެ ބައެއް ފަހަރު މާ ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެން ޕާޓީތަކާ ޚިލާފަށް އިންތިޚާބު ނާކާމިޔާބުވުމުން އަޅުގަނޑުމެން މަޑަކުން ނުތިބޭނެ. 2018 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މަންޒަރު އަޅުގަނޑުމެން ހަނދާން ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

"އިންތިޚާބު ކާމިޔާބު ވުމަށް ފަހު ޒިންމާދާރުކުރަން އޮޕޮޒިޝަނެއް ގޮތުގައި އޮތް ޕާޓީ މަސައްކަތް ފަށާއިގަތީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އެއާ ޚީލާފަށް އެމްޑީޕީ އަނެއްކާވެސް ނުކުމެ މިއޮތީ އިންތިޚާބަށް ފަހު ޖެހިގެން އައި ދުވަހު މަސައްކަތް ފަށާފަ."

ރައީސް ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތުމަށް އެމަނިކުފާނުގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި ދެން އޮތް މަޖިލިސް އިންތިޚާބާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް ޓަކައި، ކޮށްދެވެން އޮތް ހުރިހާ ކަަމެއް މިއަދުން ފެށިގެން ކުރަން އަމާޒުހިފައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 3، 2023: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެހީތެރިކަމާއި އެއްބާރުލުން ތި ހުރިހާ ބޭފުޅުންނަށް ލިބިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އިންތިޚާބެއްގައި ނާކާމިޔާބީއާއި ކާމިޔާބީއާ ކުރިމަތިވުމަކީ އާންމު ކަމެއް ކަމަށާއި، ވެރިކަމުގައި ތިބެ މަސައްކަތް ކުރުމާއި އިދިކޮޅުގައި ހަރަކާތްތެރިވުމަކީ ވެސް ވެރިކަމުގައި އޮންނަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީ އޮޕޮޒިޝަންގައި އޮތް ނަމަވެސް، އެއީ ދައުލަތް ހިންގުމުގެ އެއް ބާރަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ރައީސް ކުރިމަތިލައްވައި، އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ފުރަތަމަ ބުރުން، ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ވުރެ މަދުން ވޯޓު ލިބިވަޑައިގަތުމުން، ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް، ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދެވަނަ ބުރުގައި އެ މަނިކުފާނަށް ވަނީ ސިޔާސީ މަސައްކަތުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވިކަން ވަގުތީ ނަތީޖާއިން ކަށަވަރުވުމުން އެމަނިކުފާނު މުއިއްޒަށް މަރުހަބާ ވިދާޅުވިއެވެ.

އެ ވޯޓަށް ފަހު ރައީސް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ މިހާރު މަސައްކަތްކުރައްވަނީ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެން މަޖިލިސް އިންތިޚާބެއްގައި ވާދަނުކުރައްވާނެ ކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރައީސް ވެރިކަމަށް ވަޑައިގަތް ފަހުން މަޖިލިސްގެ އާ ދައުރު ފެށުނީ އެމްޑީޕީގެ ސުޕަމެޖޯރިޓީއާއެކުގައެވެ. ނަމަވެސް ނިޒާމާ ގުޅޭ ގޮތުން ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެމަނިކުފާނާއި އެމަނިކުފާނަށް ތާއިދުކުރައްވާ މެންބަރުތަކެއް އެމްޑީޕީން ވަކިވިއެވެ.

މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 56 މެންބަރުންނެވެ.

comment ކޮމެންޓް