ވިޔަފާރިއަށް އާއްމުކޮށް ދިވެހީން ގޮސް އުޅޭ ތައިލޭންޑްގެ ވެރިރަށް ބެންކޮކުގެ މަޝްހޫރު މޯލެއްގައި ބަޑީގެ ހަމަލާއެއް ދެންމެ ދީފިއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ މެދުގައި ހުންނަ ލަގްޒަރީ ޝޮޕިން މޯލެއް ކަމަށްވާ ސިއަމް ޕެރެގަންގައި ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވާ ކަމަށް ތައިލެންޑުގެ އޮފިޝަލުން ބުނެއެވެ.
މި ހާދިސާގައި އިތުރު ހަތަރު މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ބިދޭސީއެއް ވެސް ހިމެނެއެވެ.
އެ މޯލްއަކީ ދިވެހީން އާއްމުކޮށް ގޮސް އުޅޭ ތަނެކެވެ. މި ހާދިސާގައި ދިވެއްސަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 14 އަހަރުގެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ބީބީސީއިން ބުނެއެވެ. ފުލުހުން ބުނީ އޭނާ ބޭނުންކުރަމުން ދިޔައީ ހޭންޑްގަން އެއް ކަމަށާއި އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވީ ކަމަށެވެ.
އެ ހަމަލާ ދިން ވަގުތުގެ ފޮޓޯ އާއި ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެގޮތުން ބަޑި ޖަހާ އަޑު އިވޭއިރު މީހުން މޯލްއިން ނުކުންނަން ދުވާ މަންޒަރު ބައެއް ވީޑިއޯތަކުން ފެނެެއެވެ. އަދި މޯލްއިން ނުކުމެވެން ނެތް މީހުން، ފިހާރަތަކާއި ފާހާނަބަރިތަކުގެ ތެރޭގައިި މަޑުކުރި ކަމަށް ސޯޝަލް މީޑިއާގައި ތަޖުރިބާ ހިއްސާކުރި މީހުން ބުނެއެވެ.
މީގެ އިތުރުން، ގަޔަށް ވަޒަނެއް އެރި ސެކިއުރިޓީ ގާޑަކު އެމްބިއުލާންސަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯއެއްވެސް އެކްސްގައި ހިއްސާކޮށްފައިވެއެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ސެއްތާ ތަވިސިން ވަނީ މޯލް މިހާރު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރު ވަނީ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންނާއި އެމީހުންގެ އާއިލާއަށް ތައުޒިޔާ އާއި ހަމްދަރުދީ ފޮނުއްވާފައެވެ.