ޝެއިހް ހަސީނާގެ ވެރިކަން ބަދަލުކުރަން ބަންގްލަދޭޝްގައި މިދިޔަ އަހަރު ދަރިވަރުން އިސްވެ ހިންގި މުޒާހަރާތަކުގެ ލީޑަރެއް ކަމަށްވާ ޝަރީފް އުސްމާން ބިން ހާދީ މަރުވެއްޖެ ކަމަށް ސިންގަޕޫރުގެ އޮފިޝަލުން ބުނެފިއެވެ.
ބަންގްލަދޭޝްގެ ދުވަހު ނޫހެއް ކަމަށްވާ ބަންގްލަދޭޝް ޓްރިބިއުން އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ހާދީގެ ބޮލަށް ބަޑިޖަހާފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ބެޓެރީ އިން ދުއްވާ އޮޓޯރިކްޝާއެއްގައި ދަތުރުކުރަމުން ދަނިކޮށެވެ.
"ޑޮކްޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ހާދީ މަރުވީ އޭނާއަށް ލިބުނު އަނިޔާތަކުގައި." ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ދަރިވަރުންގެ މުޒާހަރާ ގްރޫޕް އިންޤިލާބް މަންޗާގެ އިސް ލީޑަރު ޝަރީފް އުސްމާން ހާދީ
ހަމަލާދީފައި ވަނީ ސައިކަލެއްގައި ދަމުން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ހަމަލާއާއެކު ފަރުވާ ދިނުމަށް ޑާކާ މެޑިކަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ޑޮކްޓަރުންނާ ހަވާލާދީ ޑާކާ ޓްރިބިއުން ބުނީ ހާދީގެ ސިކުނޑީއަށް ގެއްލުން ލިބިފައިވާ ކަމަށާއި އިތުރު ފަރުވާއަށް ޑިސެމްބަރު 15 ވަނަ ދުވަހު ބަންގްލަދޭޝް އިން ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގެ ނިއުރޯސާޖިކަލް އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އުމުރުން 32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ މުޒާހަރާ ޖަމާއަތް، އިންގިލާބް މަންޗާގެ އިސް ލީޑަރެކެވެ. އަދި އޭނާއަކީ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ފިއްލަވައިގެން މިހާރު ދިރިއުޅުއްވަމުން ގެންދަވާ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ.
ހާދީ މަރުވިކަން އިއުލާން ކުރަމުން އިންގިލާބް މަންޗާ އިންވެސް ވަނީ އިއުލާނުކޮށްފައެވެ.
ހާދީގެ މަރާ ގުޅިގެން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް ވަނީ ތައުޒިއާ ވިދާޅުވެފައެވެ.
އަދި ހުކުރު ނަމާދަށް ފަހު މިސްކިތްތަކުގައި ހާއްސަ ނަމާދެއް ކުރުމާއި، ހިތާމަ ފާޅުކުރުމުގެ ގޮތުން ހޮނިހިރު ދުވަސް ބަންދުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހާދީއަށް ބަޑިން ހަމަލާދިން މީހުން ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ޝައްކު ކުރެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރު ކުރުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޓާކާ ނުވަތަ 42،000 ޑޮލަރު ގެ އިނާމެއް ދިނުމަށް ހުށަހަޅާފައިވެއެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ގައުމުގެ ފުލުހުންނާއި ބޯޑަރު ގާޑުން މިހާތަނަށް އެ ހާދިސާއާ ގުޅުން ހުރި 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހާދީ މަރުވި ޚަބަރު ލިބުމާއެކު އެތައް ސަތޭކަ ބަޔަކު ވަނީ ބަންގްލަދޭޝްގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ.