ހިތުގެ ބަލި ޖެހިފައިވާ 95 ޕަސެންޓް ދިވެހީން ދުންފަތުގެ އިސްތިއުމާލު ކުރޭ!

ރާއްޖޭގައި ހާޓްއެޓޭކާއި އެހެން ހިތުގެ ބަލިތައް ޖެހޭ މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަކީ ކޮންމެ ވެސް ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމަށް، އައިޖީއެމްއެޗުން ބުނެފިއެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވެސް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހިތަށް ދިމާވާ މައްސަލަތަކެވެ. އިންސާނުންގެ ހުރިހާ ގުވަނަކީ ވެސް އެއަށް ލެއާއި އޮކްސިޖަން ލިބިގެން ހިނގަމުން އަންނަ ގުނަވަންތައް ކަމަށްވާއިރު ހިތަކީ އެ ގުނަވަންތަކަށް ލެއި ފޮނުވައިދޭ ގުނަވަނެވެ. ހިތަށް ދިމާވާ ކުއްލި ކަންކަމުގެ ސަބަބުން ކުއްލި ގޮތަކަށް މީހުން މަރުވުމަކީ ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. އޭގެ ތެރޭގައި ޒުވާނުން ވެސް ހިމެނެއެވެ.

https://sun.mv/168817

އައިޖީއެމްއެޗްގައި ހުންނަ ނެޝަނަލް ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރައްވާ ޑރ. މުހައްމަދު ޝަނީޒް ނަޖުމީ މިއަދު ޓީވީއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ހާޓްއެޓޭކް ޖެހޭ މީހުންނާއި އެހެނިހެން ހިތުގެ ބަލިތަކަށް އެންމެ ގިނައިން ފަރުވާ ދެނީ އެ ސެންޓަރުގައެވެ. އެ ތަޖުރިބާގެ އަލީގައި ޝަނީޒް ވިދާޅުވީ ހިތުގެ މައްސަލަތައް ދިމާވާ މީހުންގެ ތެރެއިން 90 އާއި 95 ޕަސެންޓާ ދެމެދުގެ މީހުންނަކީ ކޮންމެ ވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރާ މީހުން ކަމަށެވެ.

"ދުންފަތް ބޭނުންކުރީމައި ހިތުގެ ލޭ ހިނގާ ސުޕީޑް ދަށްވެ އައިލާންގަނޑަކަށް ޕެޓްރޯލް އެޅުން ކަހަލަ ކަމެއް އެއީ. އިތުރު ރިސްކްތަކެއް ހުރެއްޖެއްޔާ އަދި ގެއްލުންވާ ސްޕީޑް ވަރަށް ބޮޑަށް އިތުރުވެގެންދޭ. ބައެއް ހާލަތްތަކުގައި ލޭ ހޮޅިތައް ބްލޮކް ވާނެ. ބައެއް ހާލަތްތަކުގައި ލޭ ހޮޅިތައް ފަލަވެގެން ދާނެ. މީގެ އިތުރުން ވެސް ދުންފަތުގެ ސަބަބުން ކުރާ ބައިވަރު އަސަރުތަކެއް ހުރޭ،" ޝަނީޒް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ވޭޕްކުރުން ވަރަށް އާއްމު ކަމަކަށް ވެފައިވާއިރު ޝަނީޒް ވިދާޅުވީ އެކަން ކުރާ މީހުންނަށް ހިތުގެ މައްސަލަތަކާއި ފުއްޕާމާގެ މައްސަލަތައް ވެސް ދިމާވަމުން އަންނަ ކަމަށެވެ.

ހިތުގެ ބަލިތަކުގެ އަލާމާތްތައް ކިޔައިދެއްވަމުން ޝަނީޒް ވިދާޅުވީ ބައެއް ހާލަތްތަކުގައި އެއްވެސް އުނދަގުލެއް ނުވެ ހުރެ ބަލި ބޮޑުވެދާނެ ކަމަށެވެ. އާއްމު ގޮތެއްގައި ހިތުގެ ލޭހޮޅިއެއްގައި މައްސަލައެއް އުޅޭނަމަ މުޅި މޭގައި ވަރަށް ބޮޑަށް ރިއްސާނެ ކަމަށާއި ބައެއް ފަހަރު އެ ތަދު އަތާއި ދަތްދޮޅިއަށް ވެސް ކޮށްފާނެ ކަމަށް ޝަނީޒް ވިދާޅުވިއެވެ. ހިތުގެ ނާރެއް ބެދިއްޖެނަމަ އާއްމުކޮށް ހަރަކާތްތެރިކޮށް އުޅޭ ވަގުތުތަކުގައި އުނދަގޫތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ހާލަތްތަކުގައި ގޭސްވާއިރު މިވާ ގޮތް ވެސް ވެދާނެ. ބަނޑާއި މެޔާ ގުޅޭ ހިސާބަށް ކުޑަކޮށް އުނދަގޫވެލާފައި ދާހިތްލާލާފައި ވަރަށް އެހެންކަހަލަ އުނދަގޫތަކެއް ވެސް ވެދާނެ. ދަތްދޮޅިން ފެށިގެން ފައިގެ ފަލަމަސްގަނޑާ ހަމައަށް ކޮންމެ ވެސް ކަހަލަ އުނދަގުލެއް ވުމަކީ ވެސް ވެދާނެ ކަމެއް،" ޝަނީޒް ވިދާޅުވިއެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޝަނީޒް އިލްތިމާސް ކުރެއްވީ ގަވާއިދުން ކަސްރަތު ކުރުމަށާއި ދުންފަތާއި ދުރުވުމާއި ދުޅަހެޔޮ ބަރުދަނެއްގައި ހުރުމުގެ އިތުރުން މިންހެޔޮ ކެއުމެއް ކެއުމެވެ. އެގޮތަށް ކާއިރު ވެސް ގިނައިން ތަރުކާރީ ބޭނުން ކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި، އާއިލާގައި ހިތުގެ ބަލި ހުރެއްޖެނަމަ ގަވާއިދުން ޓެސްޓްކޮށް ބެލުމަށް އެދިލެއްވިއެވެ. ހާއްސަކޮށް ކޮލެސްޓްރޯލް ހުރި މިންވަރު ބަލައި އެކަމަށް ސަމާލުވުމަށް ޝަނީޒް އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް