ޒުވާނުންގެ މެޔަށް ތަދެއް، ދެން މަރު! މިވަނީ ކިހިނެއް؟

ހިތުގެ މައްސަލައެއް ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ: ހިތަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ރާއްޖޭގައި ވެސް ކުއްލި މަރުތައް އިތުރު--

އެއީ ލޯބި ތިން ކުދިންގެ ބައްޕައެކެވެ. އަނބިމީހާއަށް ލޯތްބާއި އަޅާލުން ދެމުން އައި ޒިންމާދާރު ފިރިއެކެވެ. އުޅެމުން ދިޔައީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމެއްގައެވެ. ދަރިންނާއި އާއިލާގެ މުސްތަގުބަލަށް ގިނަ ހުވަފެންތަކެއް ދެކެ، އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް އައީ ކުރަމުންނެވެ. ނަމަވެސް އެކަންކަން ކާމިޔާބު ނުވެ، އުމުރުން އެންމެ 33 އަހަރުގައި ކުއްލި ގޮތަކަށް އޭނާ މިވަނީ މަރުވެފައެވެ. ބަލިވެ އުޅެފައެއް ނޫނެވެ. މެޔަށް އެރި ކުއްލި ތަދަކާއެކު ވެއްޓި މަރުވީއެވެ.

"ކުރިން ވަރަށް ސިނގިރޭޓް ބުއި. އެކަމަކު މިފަހުން ހުއްޓާލާފައި ހުރީ. ފަހަކަށް އައިސް ބީޕީ[ލޭގެ ޕްރެޝަރު] އާއި ކޮލެސްޓްރޯލް ވަރަށް މަތިކޮށް ހުރީ. އެހެން ހުރެފަ ކުއްލިއަކަށް ނިޔާވީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ހިތާމަވެރި ރާގަކަށް ބުންޏެވެ.

މިގޮތަށް މިފަހުން ވެސް މަރުވީ އެންމެ ޒުވާނެއް ދެ ޒުވާނެއް ނޫނެވެ. ފާއިތުވި ހަފުތާ ތެރޭގައި ވެސް މިފަދަ ދެ މަރެއް ހިނގައިފިއެވެ. ތިރީސް ފަސް އަހަރުގެ ޒުވާނަކު ކުޅެން ހުއްޓާ އަދި 32 އަހަރުގެ ޖަލު އޮފިސަރަކު ޑިއުޓީގައި ހުއްޓާ މެޔަށް ތަދެއް އަރައި ވެއްޓި މަރުވީއެވެ. ޒުވާން އުމުރުގައި ދުނިޔެ ދޫކޮށް ދާން ޖެހުނުއިރު މިއީ އެ އާއިލާތަކަށް ބޮޑު ހިތާމައެކެވެ. އަދި ދިރިތިބީންނަށް އިބުރަތެކެވެ.

ތަފާސްހިސާބުތަކަށް ބެލިޔަސް ފެންނަނީ ބިރުވެރި އިންޒާރެކެވެ. ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހީންގެ ތެރެއިން 84 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔާއި ސްޓްރޯކާއި ކެންސަރާއި ކިޑްނީގެ ބަލިތަކުގެ އިތުރުން ލިބޭ އެކިއެކި އަނިޔާތައް ހިމެނެއެވެ. އަދި ރާއްޖޭގެ އަންހެނުންގެ ތެރެއިން 21 ޕަސެންޓާއި ފިރިހެނުންގެ ތެރެއިން 29 ޕަސެންޓް މީހުން މަރުވަނީ ހިތުގެ ބައްޔެއް ޖެހިގެން ނުވަތަ ސްޓްރޯކެއް ޖެހިގެން ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ކުއްލި މަރުތަކުގެ މައިގަނޑު ސަބަބަކީ ހިތަށް ދިމާވާ މައްސަލަތަކެވެ. މެޑިކަލް ޓާމުން ނަމަ، "ސަޑަން ކާޑިއެކް ޑެތު"، ނުވަތަ "ސަޑަން ކާޑިއެކް އެރެސްޓް"އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުޙައްމަދު ޝަނީޒް ނަޖުމީ ވިދާޅުވިގޮތިގައި ދިވެހީންގެ ތެރޭގައި ކުއްލި މަރުތަކުގައި މަރުވާ ގިނަ މީހުން މަރުވަނީ ހާޓް އެޓޭކް ޖެހިގެންނެވެ.

ޑރ. ޝަނީޒް "ސަން" އަށް އިންޓަވިއޫ ދެއްވަނީ: ސަން ފޮޓޯ: އަޙްމަދު ސާއިލު އަލީ

ބައެއް ފަހަރު ކުއްލިއަކަށް ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން ނުވަތަ ފުއްޕާމެޔަށް ދިމާވާ ކަމަކުން ވެސް ކުއްލިއަކަށް މަރުވެއެވެ. ނަމަވެސް މައިގަނޑު ސަބަބަކަށް ގިނަ މީހުންނަށް ދިމާވަނީ ހިތަށް ދިމާވާ ކަންކަން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

ބަލި ހިތްތަކެއް، މިވަނީ ކިހިނެއް؟

ކުއްލި މަރުތައް ދިމާވާ ވެސް ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ އާދަތަކާއި އާއިލީ ގޮތުން ވާރުތަ ކުރާ ކަންކަން ވެސް ހިމެނެއެވެ.

މިހާރު ސިއްހީ މައްސަލަތައް އިތުރުވާ ސަބަބުތަކުގެ ތެރޭގައި ޑރ. ޝަނީޒް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުން އިންތިހާއަށް އިތުރުވުމާއި ހެލިފެލިވެ އުޅޭ ވަރު ދަށްވުމާއި ފައިދާ ނެތް ތައްޔާރީ ކާނާ (ޖަންކް ފުޑް) ކެއުން އިތުރުވުމާއި އެނާޖީ ޑްރިންކްސް ބުއިމުގެ އިތުރުން ނިދިމަދުވުމާއި ސްކްރީންގައި ހޭދަ ކުރާ ވަގުތު ގިނަވުން ހިމެނޭ ކަމަށެވެ.

"ސިއްހީ ރަނގަޅު ނޫން މިފަދަ އާދަތަކަކީ ހިތުގެ ބަލިތައް އިތުރު ވާ މައިގަނޑު އެއް ސަބަބު، ދެން ޖެނެޓިކް [ވާރުތަވާ] ކަންތަކަކީ މޮޑިފައި [ބަދަލު ކުރެވޭނެ] ކަންތައްތަކެއް ނޫން. ކުއްލިއަކަށް މީހުން މަރުވާއިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ހާޓްއެޓޭކެއް ކުއްލިއަކަށް އަންނަނީ ކަމަށް." ޑރ. ޝަނީޒް

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލޭ ހޮޅިތައް ބެދި ހިތުގެ މައްސަލަތަކާއި ސްޓްރޯކް ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ. ނަމަވެސް މިއީ ދިވެހީންގެ ތެރޭގައި އާންމުކަމެކެވެ. ސިނގިރޭޓް ބުއިމުގެ އިތުރުން ޝީޝާ ބުއިމާއި ވޭޕް ކުރުން ފަދަ ނުރަނގަޅު އާދަތަކަށް ގެންގުޅޭ ދެ ޖިންސުގެ މީހުން ވެސް ވަރަށް ގިނައެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުޙައްމަދު "ސަން"އަށް ވިދާޅުވިގޮތުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް އޭގެ ނުސީދާ ދުމަށް ހުށަހެޅިގެން ވެސް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެއެވެ. އަދި ރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ އާދަތައް ވެސް ދިވެހީންގެ ތެރޭގައި ހުރީ ވަރަށް މަތިކޮށް ކަމަށް ހަސަން ވިދާޅުވިއެވެ.

ޑރ. ޝަނީޒް ވިދާޅުވިގޮތުގައި ލޭމައްޗަށް ދާ މީހުންނާއި ކޮލެސްޓްރޯލް މަތި މީހުންގެ އިތުރުން ފަލަ މީހުން އެކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅައި ތިބުމަކީ ވެސް ކުއްލި މަރުތައް ގިނަވާ ސަބަބެކެވެ.

ކުއްލިއަކަށް މަރުވާ މީހުންގެ ތެރޭގައި ހިތަށް ސްޓެންޓް (ހޮޅިކޮޅު) ލައްވާފައި ހުރި މީހުން ވެސް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެ ހާލަތުގައި ވެސް ސިނގިރޭޓް ބުއިން ފަދަ ނުރަނގަޅު އާދަތަށް ނުހުއްޓާ ކަމަށް ޑރ. ޝަނީޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޅިވަރުތައް ކުޅެ، މާގަދަޔަށް ކަސްރަތު ކުރާ މީހުންގެ ހިތުގެ މަސްގަނޑަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ވެސް ސިއްހީ ނުރައްކާތެރި ހާލަތްތަކަށް ދާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެކަމަށް ސިއްހީ ގޮތުން ކިޔަނީ، ހައިޕާޓްރޮފިކް ކާޑިއޯމަޔޯޕަތީއެވެ. އެއީ ހިތުގެ މަސްތައް އާދަޔާ ޚިލާފަށް ބޯވެ، ހިތުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ލޭ ފޯރުކޮށްދިނުމަށް ހުރަސް އަޅަން މެދުވެރިކުރާ ބައްޔެކެވެ.

މީހާ އުފެދުމުގައި ލޭ ހޮޅިތަކުގައި ހުންނަ އައިބެއްގެ ސަބަބުން ވެސް ޒުވާން އުމުރުގައި ހިތުގެ މައްސަލަ ޖެހި ކުއްލި ގޮތަކަށް މަރުވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އެއީ ހިތުގެ ލޭ ހޮޅިތައް. މިސާލަކަށް ހަށިގަނޑުގެ މައި ނާރާއި ފުއްޕާމެޔަށް ދާ ނާރުތައް، އަޔޯޓާ ނުވަތަ ޕަލްމޮނަރީ އާޓްރީ ދޭތެރެއިން ބައެއް ފަހަރު ގޮސްދާނެ ހިތުގެ މައި ނާރު. ދަންޏާ މިސާލަކަށް ވަރަށް ގަދަޔަށް އެކްސަސައިޒް ކުރާގަޑީގައި ކުޑަކޮށް ނާރު ފިތިފައި ލޭ ހުއްޓިގެން އެރެސްޓްވުމުގެ ޗާންސެއް އިނދޭ. އެއީ ޑޮކިއުމެންޓެޑް އެއްޗެއް،" ޑރ. ޝަނީޒް ވިދާޅުވިއެވެ.

އޭގެ އިތުރުން އާއިލާގައި ހިތުގެ މައްސަލަ ހުންނަ މީހަކު ހުރެއްޖެ ނަމަ އެފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ވެސް ޅައުމުރުގައި ހިތުގެ މައްސަލަތައް ދިމާވާ މީހުންގެ އާއިލާތަކަށް ބަލާއިރު އެފަދަ މައްސަލަ ހުންނަ އިތުރު މީހުން ތިބޭކަން ފާހަގަ ކުރެވޭ ކަމަށް ޑރ. ޝަނީޒް ވިދާޅުވިއެވެ.

މީހަކު މެޔަށް ތަދެއް އަރައިގެން: ރާއްޖޭގައި ވެސް ހިތުގެ މައްސަލަތައް ގިނަ--

އަލާމާތްތައް ދެނެގަނެ، ރައްކާތެރި ވާނީ ކިހިނެއް؟

އާއިލީގޮތުން ހިތުގެ މައްސަލަތަކާއި އެހެނިހެން ބަލިތައް ވާރުތަވެފައި ހުރި ނަމަވެސް ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ގިނަ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ގަވައިދުން ޓެސްޓްތައް ހަދައި ބެލުމާއި މައްސަލައެއް އުޅޭނަމަ އަވަހަށް ފަރުވާ ހޯދުން މުހިންމެވެ. އޭގެ އިތުރުން އެންމެ މުހިންމު ކަމަކީ ރަނގަޅު ސިއްހީ އާދަތަކެއް އަށަގެންނެވުމެވެ.

ޑރ. ޝަނީޒް ވިދާޅުވިގޮތުގައި އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ގަވައިދުން ކަސްރަތު ކުރުން ހިމެނެއެވެ. ހިތުގެ މައްސަލައެއް އުޅޭނަމަ ވެސް ދެނެގަތުމަށް ކަސްރަތު އެހީވެދޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ހިތުގެ ނާރެއްގެ ބްލޮކެއް ހުރިކަން ނޭނގި ވެސް ހުރެދާނެ. ސައިލެންޓޭ މިކިޔާ އެތި. މީގައި ވަރަށް މުހިންމު ކަމެއް ރެގިއުލާކޮށް އެކްސަސައިޒް ކުރުން. އެކްސަސައިޒް ނުކުރަންޏާ ހޮޅިތަކުގައި ކޮލެސްޓްރޯލް ޖަހައިގެން އައިސް 80 ޕަސެންޓްވާއިރު ނޭނގޭނެ. އެއްވެސް އުނދަގުލެއް ނުވާނެ. ރެސްޓްގައި ވަރަށް ލޯ އެމައުންޓް އޮފް ފްލޯއިން ހަމަޖެހޭނެ. ޑިމާންޑެއް ނީންނާނެ. އެކްސަސައިޒް ކުރީމައި ޑިމާންޑް ހައިވާ ގަޑީގައި ބްލޮކެއް އުޅެންޏާ ތާށިވާނެ. އޭރުން އެނގޭނެ،" ޑރ. ޝަނީޒް ވިދާޅުވިއެވެ.

"ހިނގީމައި މެޔަށް ތަދުވުން. ނޭވާ ކުރުވުން. މަޑުކޮށްލާއިރަށް ރަނގަޅުވުން އެއީ އެންމެ އާލީ ސިމްޕްޓަމްސް [އެންމެ ފުރަތަމަ ފެންނަ އަލާމާތް] ތަކަކީ. ހިތުގެ ތަދު އާއްމުކޮށް ވާނީ މިސާލަކަށް ހިނގައިގަންނައިރަށް އުނދަގޫވާނެ މަޑުކޮށްލާއިރަށް ރަނގަޅު ވާނެ. ސިޑިން އަރަން ފަށާއިރަށް އުނދަގޫވާނެ ރެސްޓް ކުރާއިރު ރަނގަޅު ވާނެ އާންމުކޮށް."

ސިއްހީ ގިނަ މައްސަލަތަކަކީ އާއިލީ ގޮތުން ވެސް ވާރުތަކުރާ ކަންކަމަށްވާއިރު ޑރ. ޝަނީޒް ވިދާޅުވިގޮތުގައި އާއިލާގެ އެއްވެސް މީހަކު ކުއްލި ގޮތަކަށް މަރުވެފައި ވާނަމަ އެ އާއިލާގެ އެހެން މީހުން ހިތުގެ ޓެސްޓްތައް ހަދައި އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިތުގެ މައްސަލަތައް ދިމާވާ ގިނަ މީހުންގެ އާއިލާގައި އެފަދަ މައްސަލަތައް ކުރިމަތިވެފައިވާ މީހުން ހިމެނޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އަންހެން ބޭފުޅަކު 65 އަހަރުން ދަށުގައި ހާޓްއެޓޭކެއް ޖެހެންޏާ އެއީ ތަންކޮޅެއް އަވަސްވީ. އާއްމުކޮށް އާއިލީގޮތުން ވާރުތަ ކުރާ ކަމެއް އުޅެނީ. ފިރިހެން ބޭފުޅެއް ވެއްޖެ ނަމަ 55 އަހަރުން ދަށުން ހާޓްއެޓެކެއް ޖެހޭނަމަ. އެހެން ޖެހިފައި ހުރިއްޔާ އާއިލާ މެމްބަރުން ޖެހޭނެ ކޮލެސްޓްރޯލް އެއްޗެހި ބަލާލަން. ވާރުތަކުރާ ކަންތައްތައް ހުރޭތޯ،" ޑރ. ޝަނީޒް

އުމުރާ ގުޅޭގޮތުން ގަވައިދުން ސިއްހީ ޓެސްޓްތައް ހެދުމަށް އިސްކަން ދޭން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ގަވައިދުން ޓެސްޓްތައް ހަދާ ބަލާނަމަ ސިއްހީ ބޮޑު މައްސަލައެއް ދިމާވުމުގެ ކުރިން ކަންކަން ދެނެގަނެ ފިޔަވަޅު އެޅޭނެއެވެ.

ދެން އޮތީ އަމިއްލައަށް ކުރެވޭނެ ކަންކަމެވެ. ސިއްހީ ރަނގަޅު އާދަތައް ހިފަހައްޓައިގެން ދިރިއުޅުމެވެ. އެގޮތުން ޑޮކްޓަރު ލަފާ ދެއްވަނީ ތަރުކާރީ ގިނަކޮށް އިންހަމަކޮށް ކެއުމުގެ އާދަ ގެންގުޅުމަށެވެ. އޭގެ ތެރޭގައި ފޮނިއެއްޗިއްސާއި ގިނައިން ހަކަތަ ލިބޭ އެއްޗެހި ކެއުމާއި ބުއިން މަދު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ގަވައިދުން ކަސްރަތު ކުރުމާއި ގަޑިޔަށް ނިދުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮންމެ ކަމެއް ދިމާވުމަށް ވެސް ސަބަބުތަކެއް ހުރެއެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައިގެން ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން ޖެހެއެވެ. ތިން ކުދިންގެ ބައްޕަ ވަކިވެގެން އެ އާއިލާ ހިތާމައިގައި ތިބިއިރު މިފަދަ ކުއްލި މަރުތައް މަދު ކުރެވޭނީ ސިއްހީ ގޮތުން ރަނގަޅު އާދަތަކެއް އަށަގަންނުވައިގެންނެވެ.

comment ކޮމެންޓް