"ދިވެހިރާއްޖޭގެ ގުޅުން" ދިރާގުގެ ކާމިޔާބު 35 އަހަރު ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަނީ ވަރަށް ޚާއްސަ އޮފާތަކެއް އިއުލާނުކޮށްފައެވެ. އެގޮތުން އޮކްޓޯބަރު މަހަށް ޚާއްސަކޮށް ތިން އޮފާއެއް ވަނީ އިއުލާނުކޮށްފައެވެ.
އެ އޮފާތަކަކީ:
- ދިރާގު އީ-ޒޯން: ކަސްޓަމަރުންގެ މުނިފޫހިފިލުވުމަށްޓަކައި ކޮންޓެންޓްގެ އިތުރުން ކޮންމެ ހަފްތާއަކަށް މިނީ ގޭމްސް ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބިގެންދާނެ. މި ޚިދުމަތް ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ލިބިގެންދާނެ.
- ކޮންމެ ރީލޯޑަކާއެކު ފްރީ މޮބައިލް ޑޭޓާ: ދިރާގު އެޕް މެދުވެރިކޮށް ކުރާ 50ރ. އިން މަތީގެ ކޮންމެ ރީލޯޑަކާއެކު 35ޖީބީގެ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ.
- ރައުޓާ އަޕްގްރޭޑް: ފައިބާބްރޯޑްބޭންޑް ބޭނުންކުރައްވާ ފަރާތްތަކަށް އޮކްޓޯބަރު މަހުގެ ނިޔަލަށް ރައުޓާ އަޕްގްރޭޑްކުރުން މުޅިން ހިލޭ. ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލިޖިބިލިޓީ ޗެކް ކޮށްލެވޭނެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒު ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒު ވިދާޅުވީ މި ވަގުތު އެ ކުންފުނިން އެންމެ ބޮޑަށް ކުރާ އެއް މަސައްކަތަކީ ބްރޯޑްބޭންޑް ފުޅާކޮށް ކަސްޓަމަރުންނާ ހަމައަށް ގެންގޮސްދިނުން ކަމަށެވެ. އެގޮތުން ފައިބާ ބްރޯޑްބޭންޑް މިހާރުވެސް އާބާދީގެ 90 ޕަސެންޓު ގޭބީސީތަކުން ބޭނުންކުރަމުންދާ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެންމެ އަވަސް މޮބައިލް ޚިދުމަތް ކަމަށްވާ 5ޖީ، އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ ބަޔަކު މިހާރު ވެސް ތަޖުރިބާކުރަމުން އަންނަ ކަމަށް އަލީ ފާހަގަކުރެއްވިއެވެ.
"އިންޓަނޭޝަނަލް ކަނެކްޓިވިޓީއަށް މިހާރުވެސް އަޅުގަނޑުމެން މިދަނީ އިންވެސްޓް ކުރަމުން. އެހެންވީމަ މިހުރިހާ ކަމެއް އެއްވެގެން ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ސާވިސް ހުރިހާ އެންމެނަށް އަދި ހުރިހާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުންމަތީ އަޅުގަނޑުމެން ދެމިތިބޭނަން،" އަލީ ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ މިދިޔަ 35 އަހަރަށް ވުރެ ކުރިއަށް މިއޮތް 35 އަހަރު އަދި މާ ކާމިޔާބު ވާނެހެން،"
އަލީ ވަނީ ދިރާގުގެ ކާމިޔާބު 35 އަހަރުތެރޭ އެ ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިރުޝާން ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން ޑިރެކްޓަރު، މުހައްމަދު މިރުޝާން ވިދާޅުވީ އެންމެ ފުރަތަމަ ދިރާގު އުފެދިގެން އައީ ގައުމީ މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން ދިރާގު އުފެދިގެން އައީ ރާއްޖޭގެ ހުރިހާ ރަށެއް މުވާސަލާތީ ގޮތުން ގުޅުވާލަ ދިނުމަށްޓަކައި ކަމަށް މިރުޝާން ވިދާޅުވިއެވެ. އަދި މިއަދު ކުރަމުން ދަނީ ވެސް ހަމަ އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސް ރާއްޖޭގެ މުއާސަލާތީ ދާއިރާ ކުރިއެރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިރާގުން މި ކުރެވޭ މަސައްކަތުން އާންމު ރައްޔިތުންނަށާ ވިޔަފާރިތަކަށް މި އަންނަ ބަދަލުތައް މިއަދު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ،" މިރުޝާން ވިދާޅުވިއެވެ.
މިރުޝާން ވަނީ، މި ވީ 35 އަހަރުތެރޭ ކަސްޓަމަރުން އެ ކުންފުންޏަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.
"ކަސްޓަމަރުންނަށް ޗޮއިސްއެއް އޮންނައިރު ގިނަ ކަސްޓަމަރުންތަކެއް ދިރާގުގައި ތިއްބެވީތީ އެއީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް. އަދި ވަރަށް އުފާކުރާ ކަމެއް،" މިރުޝާން ވިދާޅުވިއެވެ.
މީގެ 35 އަހަރު ކުރިން، 1988 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ދިރާގު އުފަންވި އިރު، ރާއްޖެއަކީ މުވާސަލާތުގެ ދާއިރާއިން މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ގައުމެއް ނޫނެވެ.
ނަމަވެސް ދިރާގު އުފެދުނުތާ އެންމެ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭ މުޅި ރާއްޖެ ވަނީ ޓެލެފޯނުގެ ނެޓްވޯކަކުން ގުޅާލައި ޑަޔަލްއަޕް އިންޓަނެޓުގެ ޚިދުމަތް ތައާރަފުކޮށް، އާންމުންނަށް ހުޅުވާލިއެވެ. އޭގެ ދިހަ އަހަރުފަހުން، 2018 ވަނަ އަހަރު ކުންފުނީގެ 30ވަނަ އަހަރީ ދުވަހާ ބައްދަލުކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް 4ޖީ ކަވަރޭޖް ލިބެއެވެ. އެއާ ޖެހިގެން އައި އަހަރު 5ޖީ ޚިދުމަތް ތައާރަފުކުރި އިރު، އެއީ މުޅި ދެކުނު އޭޝިއާ ސަރަހައްދުން ވެސް އެކަން ކުރި ފުރަތަމަ ކުންފުންޏެވެ.