ނަމުން ވެސް ދޭހަވާނެ ފަދައިން، "ދިވެހިރާއްޖޭގެ ގުޅުން" މި ކުންފުނީގެ މަގުސަދަކީ މަދު މީސްކޮޅެއް، ގިނަ ރަށްތަކަކަށް ބެހިފައިވާ ރާއްޖޭގެ އެންމެން ގުޅުވާލަ ދިނުމެވެ.
މީގެ 35 އަހަރު ކުރިން، 1988 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު، އެ ކުންފުނި އުފަންވި އިރު، ރާއްޖެއަކީ މުވާސަލާތުގެ ދާއިރާއިން މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ގައުމެއް ނޫނެވެ.
އެއާއެކު، އެ ކުންފުންޏަށް ކުޅެންޖެހިފައި އޮތީ ބޮޑު ދައުރެކެވެ. ކޮނޑުގައި އެޅިފައި އޮތީ މުހިއްމު ޒިންމާއެކެވެ. އޭރު ރާއްޖޭގެ ތަރައްގީއާއި، ކުރިއެރުމަށް އެންމެ މުހިއްމުވެފައި އޮތް ކަންތައް ހާސިލްކުރުމަށްޓަކައި، ދިރާގުން ދެއްކީ އާދަޔާ ޚިލާފު ކުޅަދާނަ ކަމެކެވެ.
ދިރާގު އުފެދުނުތާ އެންމެ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭ މުޅި ރާއްޖެ ވަނީ ޓެލެފޯނުގެ ނެޓްވޯކަކުން ގުޅާލާފައެވެ. ހަމަ އެ މުއްދަތުގެ ތެރޭ ޑަޔަލްއަޕް އިންޓަނެޓުގެ ޚިދުމަތް ތައާރަފުކޮށް، އާންމުންނަށް ހުޅުވާލިއެވެ. ރާއްޖޭގެ ގިނަ ބަޔަކަށް މިއީ ފޯނު ބޫތުތަކާއި ލޭންޑްލައިނު ދުވަސްވަރެވެ.
ދިރާގުގެ ފިކްސްޑް ލައިން ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރި މަސައްކަތް -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ
އެ ހިސާބުން ފެށިގެން ދިރާގު ކުރިއަރަމުން ދިޔައީ ފަސް ބެލުމެއް ނެތިއެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ތައާރަފުކުރި ޖީއެސް އެމް މޯބައިލް ޚިދުމަތަށް ނުވަ އަހަރު ވުން ފާހަގަ ކުރީ ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޚިދުމަތުގެ ކަވަރޭޖް ދެމުންނެވެ.
އޭގެ ދިހަ އަހަރުފަހުން، 2018 ވަނަ އަހަރު ކުންފުނީގެ 30ވަނަ އަހަރީ ދުވަހާ ބައްދަލުކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް 4ޖީ ކަވަރޭޖް ލިބެއެވެ. އެއާ ޖެހިގެން އައި އަހަރު 5ޖީ ޚިދުމަތް ތައާރަފުކުރި އިރު، އެއީ މުޅި ދެކުނު އޭޝިއާ ސަރަހައްދުން ވެސް އެކަން ކުރި ފުރަތަމަ ކުންފުންޏެވެ.
ފާއިތުވި، 2022ވަނަ އަހަރަކީ ވެސް އެ ކުންފުނިން މުހިއްމު ލަނޑުދަނޑިތަކެއް ހާސިލު ކުރި އަހަރެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި؛
- އޫކްލާއިން ހޮވާ ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކުގެ މަގާމު ލިބުން
- ޑޮމެސްޓިކް ސަބްމެރިން ކޭބަލް ފުޅާ ކުރުމުގެ މަޝްރޫއެއް ފެށުން
- ރާއްޖޭގެ ސައިބާ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ސަރުކާރާއި، ބެޔޯން އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން
- އަންލިމިޓެޑް ހޯމް އިންޓަނެޓު ޕެކޭޖުތައް ތައާރަފުކުރުން
އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމަށް އައިއެސްއޯގެ ސެޓްފިކެޓް ލިބުން - މީހުން ދިރިއުޅޭ 100 ރަށަށް ފައިބާ ބްރޯޑްބޭންޑް ޚިދުމަތް ފުޅާކުރުން
- ރާއްޖެ ސީމީވީ6 ސަބްމެރިން ކޭބަލާ ގުޅާލުމުގެ މަޝްރޫއު ފެށުން
ދިރާގުގެ 35 އަހަރުވީ މި ދަތުރުގެ އުސްއަލިތަކަށް ބަލައިލުމުން އެނގޭ ކަމަކީ. ރާއްޖެ މިއަދު މި ދެކޭ ޑިޖިޓަލް ތަރައްގީގެ އެންމެ މުހިއްމު ހިއްސާދާރަކީ ދިރާގު ކަމެވެ. އެތައް ގޮންޖެހުންތަކެއް ގިރާކޮށް، ދިރާގުން ވަނީ ރާއްޖެ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއެކު ފައިހަމަކޮށްދީ، ޒަމާނީ ބަދަލުތައް ގެނެސްދީފައެވެ.
މިއަދު ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފުޅާވެ، ޖޯގުރަފީގެ ހުރަސްތައް ވަނީ ނައްތާލާފައެވެ. ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް އެއް ވިއުގައަކުން ގުޅާލެވުފައި ވުމަކީ، ރާއްޖޭގެ ވިޔަފާރިތައް ކުރިއަރާ ސިނާއަތްތައް ފުޅާ ވުމުގެ ބިންގަލެވެ.
ރާއްޖޭގެ ތަރައްގީގައި ދިރާގުގެ ދައުރު ފެންނަން އޮތް އަނެއް ދިމާލަކީ، އިންސާނީ ވަސީލަތުގެ ކުރިއެރުމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ދިރާގުން އިސްކަން ދީފައިވަނީ، ދިވެހިން ތަމްރީނުކޮށް، ބިނާކޮށްގެން ކުރިއަށް ދިއުމަށެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް: 6 ނޮވެންބަރު 2018 ގައި ދިރާގުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ވެސް ދިރާގަކީ ނަމޫނާއެކެވެ. އެގޮތުން އެ ކުންފުނީގެ އެޕްރެންޓައިސްޝިޕް ޕްރޮގުރާމަކީ، ފާހަގަކޮށްލެވޭ އިސްނެގުމެކެވެ. މީގެ އިތުރުން ތިމާވެށީގެ ދާއިރާއިން އާންމުން ހޭލުންތެރި ކުރުމަށާއި، ކުންފުނީގެ ޒިންމާ އަދާކުރުމަށް "ކެއާ ފޯ ދަ އޯޝަންސް" ފަދަ ޕްރޮގުރާމުތައް ހިންގާފައިވެއެވެ. އެ ކުންފުނީގެ އެއްވެސް ކަމެއްގައި ސިންގަލް ޔޫޒް ޕްލާސްޓިކް އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެއެވެ. މިއީ އެ ކުންފުނީގެ ސީއެސްއާރުގެ ދީލަތި، އަދި ފުޅާ އެހީތެރިކަމުގެ ކުޑަ މިސާލެކެވެ.
މީގެ 35 އަހަރު ކުރިން ހިނގައިގަތް ދުވެލީގައި ދިރާގުގެ މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެއެވެ. ދިވެހިންގެ ފުރިހަމަ އިތުބާރާއެކު، ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ނެޓްވޯކުގެ ގޮތުގައި އެ ކުންފުނި ދެމިއޮތުމަކީ އެކަމުގެ އެންމެ އަލިގަދަ ހެއްކެވެ.