ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތެއް ކަމަކު، އަވަސް އަރުވާލައިގެން ނިޒާމު ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ އެއަށް ވުރެ ބޮޑު ބަދަލެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފޮރުޅާލަން މި މަހު 30ގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން އޮތީ ފާސްކޮށްފައެވެ. އެ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ސާފު ކުރަން އެދުނު ބައެއް ކަންކަމަށް މިއަދުގެ ޖަލްސާގައި ވަނީ ބަހުސަށް ހުޅުވާލައިފައެވެ.
ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓު އަސްލަމް ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގަން ނުޖެހޭނެ ކަމަށެވެ.
"ވެރިކަމުގެ ނިޒާމު ބަދަލުމިކުރެވެނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން. ގާނޫނުއަސާސީ އިސްލާހުކުރުމަކަށް، [އޭގެ] ކުރީގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުން އެެއީ ލާޒިމުކަމެއް ނޫން. އެހެން ނަމަވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުން މި ގާނޫނުއަސާސީ އިސްލާހުކުރަމުން އައިއިރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައި ވާތީ، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެއީ ޕްރެސެޑެންޓެއްގެ ގޮތުގައި ބައްލަވަނީ ކަމަށް ވެދާނެ،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ށ. ގައި ވާގޮތުގެ މަތިން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފަހު އެ މާއްދާގައި ބަޔާން ކުރާ ކަންކަމަށް ބަދަލެއް އަންނަ ނަމަ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. އެ ރުހުން ހޯދަން ޖެހޭނީ، އެ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރަން ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާއެވެ.
"އަޅުގަނޑުމެން އަވަސް އަރުވާލައިން، އަދި އަޅުގަނޑުމެންގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތަތީވެ އޭގެ ނަހަމަ ބޭނުން ހިފައި ވަކިން ހާއްސަކޮށް ވެރިކަމުގެ ނިޒާމު ފަދަ ކަންކަން ކުރެވިގެން ދިއުމަކީ އެއީ މުޅި ގައުމަށް ހުރި ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ގަބޫލުނުކުރެވޭތީ އެ ވާހަކަ ވެސް އަޅުގަނޑު ދަންނަވައިލަން،" އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރާއިރު އެ ކަމުގައި ޕާޓީތަކުން ދެކޭ ގޮތެއް ވެސް މުހިއްމު ކަމަށެވެ. އެހެންވެ، އެފަދަ ބޮޑު ބަދަލެއް ގެންނައިރުގައި ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ ލަފާ ހޯއްދެވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ނިޒާމީ ވޯޓާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީ ނިންމުމެއް ނިންމަން މިރޭ 8:30 އަށް ވަނީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައެވެ.
ޑިމޮކްރެޓްސްއިން އެދުނު ގޮތަށް މި ހިނގާ އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އޭރު ފާސްކުރީ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ތާއީދާ ވެސް އެކުގައެވެ.
އެކަމަކު، މިހާރު އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ނިޒާމީ ވޯޓެއް ނެގުމާއި އަދި ބަރުލަމާނީ ނިޒާމާ ވެސް ޕާޓީގެ 99 އިންސައްތަ ބޭފުޅުން ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އެއާ އެކު ނަޝީދަށް ތާއީދު ކުރައްވައި މެންބަރުން މިއަދު ވަނީ ނިޒާމީ ވޯޓު ނަގައި ތާރީޚު ފަސްކޮށްލަން ތާއީދުކޮށް، ވާހަކަފުޅު ދައްކަވައިފައެވެ.