ނިޒާމީ ވޯޓާ ގުޅުންހުރި އިސްލާހު މަޖިލީހަށް ބަލައިނުގަތުމަށް ޓްރާންސްޕޭރެންސީން ގޮވައިލައިފި

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީގެ 262 މާއްދާއަށް ހުށަހަޅާފައިވާ އިސްލާހު ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ.

ގާނޫނު އަސާސީގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކުރިން ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުގައެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވެވަޑައިގަތްނަވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހަށް ހުށަހެޅުއްވި ބިލުގައި އޮތީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އާންމުންގެ ޚިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ހެދުމަށެވެ.

https://sun.mv/182668

މިއިސްލާހާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

"ގާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ގާނޫނު އަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންނަށް އެކަމާމެދު ރުހުން ދިނުމަށް އޮންނަ ބާރު ނެތިގެން ދާނެއެވެ. ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ މި ބާރުގެ ބޭނުމަކީ އެއިރަކު އިންތިޚާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް ރައްޔިތުންނާ ގުޅުން ހުރި މުހިއްމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލާ ބަދަލު ގެނައުމުގެ ބާރު ނުދިނުމެވެ،" ބަޔާނުގައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާ ގޮތަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިއްމު މާއްދާތަކަށް، ބަދަލު ގެނައުމުގެ ބާރު ލިބިދޭ ގޮތަށް މި ބިލު ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ.

މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވިފައިނުވެއެވެ.

comment ކޮމެންޓް