އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސްއިން އޮތީ ބައިވެރިވާން ތައްޔާރަށް ކަމަށާއި ދެން އޮތީ އެކަމާ ގުޅިގެން މަޝްވަރާތައް ކުރުން ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
'ސަން'އާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މުއިއްޒުގެ ޓީމާއެކު މަޝްވަރާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޑިމޮކްރެޓްސްގެ ބައިވެރިވުން މުއިއްޒުގެ ސަރުކާރެއްގައި އޮންނާނީ ކިހާ މިންވަރަކަށް، އަދި ކޮން ގޮތަކަށްކަން އެނގިގެންދާނީ އެއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅޭ މަޝްވަރާތައް ފެށޭނެ ސީދާ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
އެ ޕާޓީން މިގޮތަށް ބުނެފައި މިވަނީ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ފަހުންނެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ފޮނުއްވި މެސެޖެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 އިންސައްތަ މެންބަރުންގެ ތާއީދު އޮތް ނަމަ އެ މަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިކަމާ ގުޅިގެން އެމްޑީޕީން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ ގިނަ މެންބަރުންތަކެއް ވަނީ ނަޝީދަށް ދެން އިތުބާރު ނުކުރާނެ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.
ދަ ޑިމޮކްރެޓްސްއިންވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށްފައެވެ. އެ ޕާޓީން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު ހަތް ޕަސެންޓާއެކު، ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އޭނާއެވެ. އެއީ 15،839 ވޯޓެވެ.
ނަމަވެސް ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް އެ ޕާޓީން އަރާފައެއް ނުވެއެވެ.
ދަ ޑިމޮކްރެޓްސްއިން ވަނީ ދެވަނަ ބުރުގައި ގުޅޭނެ ޕާޓީއެއް ނިންމުމުގެ ކުރިން އެމްޑީޕީ އާއި ޕީޕީއެމާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅީ ދެވަނަ ބުރުގެ ކުރިން ބަރުލަމާނީ ވޯޓަކަށް ދިއުމަށް އެއްބަސްވުމަށެވެ. ޕީޕީއެމަށް ހުށަހެޅީ ސަރުކާރު އުފެއްދުމަށް ޑިމޮކްރެޓްސް ހިއްސާވާނެ މިންވަރު ބަޔާންކުރާނެ ލިޔުމެއްގައި ސޮއި ކުރުމަށެވެ.
ނަމަވެސް ދެ ޕާޓީން ވެސް ޝަރުތުތަކަށް އެއްބަސްނުވުމުން ޑިމޮކްރެޓްސްއިން ނިންމީ ވަކި ކޮޅަކަށް ނޭރުމަށެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ 54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ، 129,159 ވޯޓެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 109،868 ވޯޓެވެ.