މިއަދު ޔާމީން ގެކޮޅަށް ބަދަލު ކުރަނީ

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ހަވާލޭ ވަތަން ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ގެކޮޅަށް ބަދަލު ކުރަން މިއަދު ނިންމައިފިއެވެ.

ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ.

އަދިވެސް އެ މަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ އަމަލު ކުރަމުން ގެންދާނީ ގައިދީންނާމެދު އަމަލު ކުރާ އުސޫލުގެ މަތިންނެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، މިއަދު ޔާމީން ގެއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި މެންދުރު ފަހު 2:00 ގެ ފަހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް ޔާމީން ގެކޮަޅަށް ބަދަލުކުރާތީ އެ ސަރަހައްދަށް މީހުން އެއްވެފައި -- ސަން ފޮޓޯ/ ނާޖިޔާ ޖައުފަރު

އެކަމަކު، ކަރެކްޝަންސްއިން މިހާތަނަށް ރަސްމީކޮށް އެފަދަ އެއްވެސް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް، އެނގިފައިވާ ގޮތުގައި ޔާމީން ގެކޮޅަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ޔާމީން ގެކޮޅަށް ބަދަލު ކުރާތީ ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ ކާނިވަލުގައި ހުންނަ "ދިވެހީންގެ ރާއްޖެ" ޖަގަހަ ކައިރިއަށް އެއްވަމުންނެވެ. މި ވަގުތު އެތަނުގައި ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުން އެބަތިއްބެވެ.

ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާއިރު، އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ހާމަވުމާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ޔާމީން ވަގުތުން ވަގުތަށް ގެއަށް ބަދަލު ކުރަން އެދިވަޑައިގެންފައެވެ.

"އެ މަނިކުފާނު ގެއަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް. އެ ކަން ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/182627

އެ މަނިކުފާނު ވިދާޅުވީ މިއަދުގެ ނަތީޖާއިން ލިބުނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި، އެއީ ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ޓަކައި ވެސް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮަޅަށް ބަދަލުކުރާތީ އެ ސަރަހައްދަށް މީހުން އެއްވެފައި -- ސަން ފޮޓޯ/ ނާޖިޔާ ޖާފިރު

އިއްޔެ ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުއިއްޒު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 126،499 ވޯޓެވެ.

ޕީއެންސީން މުއިއްޒަށް ޓިކެޓު އެރުވީ، ޖަލު ހުކުމުގެ ސަބަބުން ޔާމީން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ކަނޑައަޅައި އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވުމުންނެވެ.

އާރަށުގެ މައްސަލައިގައި ކޮށްފައިވާ ދެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، އެ މައްސަލައިގައި އަޑުއެހުންތައް ދިގު ދެމިގެންގޮސް، މިހާތަނަށް ހުކުމަކާ ހިސާބަށް ދެވިފައެއް ނުވެއެވެ.

comment ކޮމެންޓް