ޔާމީން ގެއަށް ބަދަލުކޮށްދޭން ރައީސްގެ އަރިހުން މުއިއްޒު އެދިވަޑައިގެންފި

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުން އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފިއެވެ.

އިންތިޚާބުގެ ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މި ދަނޑިވަޅުގައި ޔާމީން ގެެއަށް ބަދަލުކޮށްދެއްވުމަށް، ވަރަށް އަދަބުވެރިކަމާ އެކު ރައީސް ޞާލިހުގެ އަރިހުގައި އެދިަވޑައިގަންނަވާ ކަމަށެވެ.

"އެ މަނިކުފާނު ގެއަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް. އެ ކަން ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދުގެ ނަތީޖާއިން ލިބުނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓަކައި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެއީ ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ޓަކައި ވެސް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

"ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ޓަކައި ބޭނުންވެފައިވާ މިންވަރު ފެނިގެން މި ދިޔައީ،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށާއި އެެއްވެސް މީހެއްގެ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު މާ މުހިންމު ކަމަށެވެ. އަދި، ގައުމަށް ހަމަޖެހުން ގެނައުމަށް އެ ވިސްނުމުގައި ތިބެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ބަހާއި އަމަލު ދިމާވާނެ ކަމަށާއި އެ މަނިކުފާނު ކުރިމަތީގައި ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ރައްޔިތެއް ކަމަށެވެ. އަދި، ކޮންމެ ޕާޓީއެއްގައ ހުއްޓަސް ހުރިހާ ކަމެއް ވެސް ހައްގުވާނީ އެއްވަރަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީއިން އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީނެވެ. ނަމަވެސް، ޖަލު ހުކުމާ ގުޅިގެން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމީ ކެންޑިޑެންސީ ފޯމު ހުށަހަޅަން ދެ ދުވަހަށް ވެފައި ވަނިކޮށްނެވެ.

އޭގެ ކުރިން، ޕްލޭން ބީއެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓަކު އެ ޕާޓީގެ ސެނެޓްގެ ވޯޓާއެކު ވަނީ ހޮވައިފައެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާ ވާދަކޮށް އެ ޓިކެޓް ކާމިޔާބުކުރެއްވީ މުއިއްޒެވެ.

comment ކޮމެންޓް