އެމްޑީޕީގެ މަރުހަބާ މުއިއްޒުއަށް: ''އިދިކޮޅުގައި އޮންނާނީ ޒިންމާދާރުކަމާއެކު''

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން: އެ ޕާޓީން ވަނީ އިންތިޚާބް ކާމިޔާބް ކުރެއްވި މުއިއްޒަށް މަރުހަބާ ކިޔާފަ -- ފޮޓޯ/ އެމްޑީޕީ

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް, މިހާރު ވެރިކަން ކުރަމުން އަންނަ އެމްޑީޕީން މަރުހަބާ ކިޔައި އިދިކޮޅުގައި އޮންނާނީ ޒިންމާދާރުކަމާއެކު ކަމަށް ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 18،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން އެ އިންތިޚާބު ކާމިޔާބް ކުރައްވާފައިވަނީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒުއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓްރު ފައްޔާޒު އިސްމާއީލް ރޭ ވަނީ އެ ޕާޓީގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.

"އިދިކޮޅުގައި އެމްޑީޕީން ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގައި ދެމިތިބޭނަން," ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ފައްޔާޒުގެ އިތުރުން އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވެސް ވަނީ ރޭ މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.

އިއްޔެ ބޭއްވި އިންތިޚާބުގެ ހުރިހާ ފޮއްޓެއްގެ ނަތިޖާތައް ލިބިފައިވާއިރު މުއިއްޒަށް ލިބިވަޑައިގަތީ 126.842 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ 53.9 އިންސައްތައެވެ. ރައީސް ޞާލިހަށް 108,500 ވޯޓު ލިބިފައިވާއިރު އެއީ ވޯޓުލީ މީހުންގެ 46.1 އިންސައްތައެވެ.

comment ކޮމެންޓް