އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ.
ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނުނު 484 ފޮށިން މުއިއްޒަށް ވަނީ 53 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތައެވެ.
ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ވުރެ މުއިއްޒު އުޅުއްވަނީ 14،000 ވޯޓު ކުރީގައެވެ. ބާކީ ނުގުނި، 100 ފޮއްޓެއް އެބައިނެވެ.
މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާއަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި، އޭގެ ފަހުން ދެވަނަ ބުރުގައި އެމްއެންޕީންނާއި ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރެއްވި އެމްޑީއޭއިން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެންމެ ފުރަތަމަ އެ ކޯލިޝަންގެ ކެންޑިޑެސީ އެރުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.
އެކަމަކު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެ މަނިކުފާނަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީއެވެ. އެހެންވެ، ސެނެޓުގައި ބޭއްވި ސިއްރު ވޯޓަކުން ޕީއެންސީގެ ޓިކެޓު ކަށަވަރު ކުރެއްވީ މުއިއްޒެވެ.
އޭގެ ފަހުން އިންތިޚާބު ބޮއިކޮޓު ކުރައްވަން ވެސް ޔާމީން އެންގެވިއެވެ. އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ސެނެޓުން އިންތިޚާބުގައި ވާދަކުރަން ނިންމުމުން ޔާމީން ފަހުން ވަނީ ބޮއިކޮޓު ކުރަން އެންގެވި އެންގެވުން އަނބުރާ ގެންދަވައިފައެވެ.
އިންތިޚާބުގައި ވާދަކުރެއްވި އިރު، މުއިއްޒު ހުންނެވީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައެވެ. މިއަދު އޭނާ ރައީސް ކަމަށް އިންތިޚާބުވުމާ އެކު، މާލޭގެ މޭޔަރުކަން ހުސްވާނެއެވެ.