އުސޫލުތަކާ ހިލާފުވީ ކަމަށް ބުނެ ހައިތަމް އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކުރައްވާ ހައިތަމް، އަންގާރަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާ އެ ޕާޓީން ވަކިވީ, އޭނާ ގަބޫލުކުރާ އަސާސްތަކާ އެ ޕާޓީން ފެޔަށް ޖެހިފައިވާތީ ކަމަށެވެ. މިގޮތުން، ކަންކަން އިސްލާހު ކުރުމަށް މަޖިލީހުގައި އޭނާ މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ވިދާޅުވީ، އެ ކަންކަމުގައި ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އެންމެ އެކަށޭނެ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ.

"މި ޕާޓީއަށް ވެސް އަދި އަޅުގަނޑަށް ވެސް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑަށް ގަބޫލުކުރެވޭ އުސޫލުތަކެއް ނެތް ޕާޓީއަކުން ވަކުވުމެވެ،" އޭނާ ސިޓީގައި ވިދާޅުވެފައިވެއެވެ.

ހައިތަމްގެ އިތުރުން، އެމްޑީޕީގައި ހުރި ލ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ އެ ޕާޓީން ވަކިވެ، އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފައެވެ.

އޭގެ ކުރިން، އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ވެސް ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިފައެވެ.

ހައިތަމް އެމްޑީޕީން ވަކިވުމާ އެކު މިހާރު މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެންބަރުންގެ އަދަދަކީ 55 އެވެ.

comment ކޮމެންޓް