ރިޔާސީ އިންތިޚާބާ ގުޅިގެން އެންޓިކެމްޕޭން ކުރާ މައްސަލައެއް ޕީޕީއެމްއިން ރަސްމީކޮށް، އިލެކްޝަންސް ކޮމިޝަން(އީސީ) އަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ އެ ޕާޓީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް އެންޓި ކެމްޕެއިން ކުރަމުން އަންނަ ކަމަށް ބުނަމުންނެވެ. އަދި އެފަދަ މައްސަލަތައް އީސީއިން ނުބަލާތީ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރިއެވެ.
ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ކުރި ތުހުމަތާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ހަބީބު ވިދާޅުވީ ރަސްމީކޮށް ހުށަހަޅާ މައްސަލަ ތަކަށް ހުންނާނީ ފިޔަވަޅު އަޅާފައި ކަމަށެވެ.
"އަޅުގަނޑުމެން އިލެކަޝަންސް ކޮމިޝަނަށް ސިޓީން ހުށަހަޅުއްވައިފަ ވާ ކަންކަމަށް ހުންނާނީ ފިޔަވަޅު އަޅުއްވާފަ،" ހަބީބު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ، ޓްވިޓާގައި ޖަހާލާ ޕޯސްޓެއް އަދި ކެމްޕޭނު ޕޯޑިއަމެއްގައި ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަތަކަށްބަލާ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްދެއް ނުދޭނެ ކަމަށެވެ.
އެގޮތުން އިންތިހާބާ ގުޅޭގޮތުން އަދިވެސް އިތުރު ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނަށް އެކި ފަރާތްތަކުން ކޮށްފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ ދެދުވަސް ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ އެންޓި ކެމްޕެއިނުގެ އަމަލުތައް ސޯޝަލް މިޑިއާ އަދި މަގުމަތީގައިވެސް ހިނގަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅެއް އަޅާފައި ނުވާކަމަށް ތުހުމަތު ކޮށްފައެވެ.
އަދި އެފަދަ މައްސަލަތަކަކީ މައްސަލަ ހުށަނޭޅިނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ މައްސަލަތަކެއް ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.