ފިހިގެން ގެންދިޔަ ތިން މީހުންގެ ތެރެއިން ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލައިފި

ތިލަފުށީ ފަޅުގައި އޮތް ދޯންޏެއްގައި މިއަދު ރޯވެ އަނދަނީ --

ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، ހިނގި ހާދިސާގައި ފިހިގެން އައިޖީއެމް ހޮސްޕިޓަލަށް ގެނައި ތިން މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.

"ވާލިޔާ 7" ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯނީގައި ހުޅު ހިފަން މެދުވެރިވީ ތިލަފުށިން 20،000 ލީޓަރު ތެޔޮ އަޅައިގެން އިންޖީން ސްޓާޓް ކޮށްލި ވަގުތު ސްޕާކް ވެގެން ކަމުގެ މައުލޫމާތި ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ދޯނީގެ ކެޕްޓަނަށެވެ. އޭނާގެ މޫނާއި ކަނާއަތު އަތް ކޮންމެ ވެސް ވަރަކަށް ފިހިފައިވާއިރު، ދެން ތިބި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިން މީހަކު ފިހިގެން މިއަދު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި، އޭގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު، ދޫކޮށްލާފައިވާ ކަމަށެވެ.

"ތިން މީހަކު ފިހިގެން ގެނައި. އޭގެ ތެރެއިން ބިދޭސީ އަކާއި ދިވެއްސެއް މިހާރު ޑިސްޗާޖުކޮށްފައިވޭ. އަދި އިތުރު ދިވެއްސަކު ވޯޑުގައި އެޑްމިޓްކޮށްގެން މިވަގުތު އަންނަނީ ފަރުވާދެމުން. އިތުރު ތަފުސީލް ހާމަ ކުރެވޭކަށް ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މިއަދު ރޯވި ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.

comment ކޮމެންޓް