ތެޔޮ ދޯނީގައި ރޯވުން: ތިން މީހަކު ފިހިގެން ފަރުވާ ދެނީ

ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައި-- ފޮޓޯ: އެމްއެންޑީއެފް

ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ތިން މީހަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ ފަޅުތެރޭގައި އޮއްވާ ރޯވީ "ވާލިޔާ 7" ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވި ތިން މީހުންނަށް ފަރުވާ ދިނުމަށްޓަކައި މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައި-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 10:20 ކަންހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްއިން އެކަމުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ތެޔޮ ބަރުކޮށްގެން އިންޖީނު ސްޓާޓްކޮށްލި ވަގުތު ސްޕާކެއް ވެގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި 20،000 ލީޓަރުގެ ތެޔޮ ބަރުކޮށްފައި ހުރި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެފައި-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެ ދޯނި ފަޅުން ނެރެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ދޯނީގައި ހުރި ތެޔޮ ޓޭންކުތައް ފެނުން މައްޗަށް އަރާފައިވާތީ، އެ ޓޭންކުތައް އެ ސަރައްދުން ނެގުމުގެ މަސައްކަތް ސިފައިން ފަށާފައި ވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް