ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވޯޓުލުމަށާއި ކުރިއަށް އޮތް ބަންދު ދުވަސްތަކާ ދިމާކޮށް މީހުން ރަށްރަށަށް ފުރަން ފަށައިފައި ވަނިކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސް ވެއްޖެއެވެ.
އެގޮތުން މިއަދުގެ 13:00 އިން ފެށިގެން 17:00 އާ ހަމައަށް ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ވަނީ ރީންދޫ ސަމާލު ނެރެފައެވެ. އަދި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން ރީންދޫ ސަމާލު ނެރުމާއެކު މޯލްޑިވިއަން ރެޑް ކްރިސެންޓުން ވަނީ ކަނޑު ދަތުރުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން މެދުރާއްޖެތެރޭގެ ރަށް ތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ އަދަދަކަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދަށް ވާރޭ ވެހޭ އިރު ގަޑިއަކު 30 މޭލުގެ ބާރު މިނެއްގައި ވައި ޖެހިދާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެފައި ވެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރަށް ބަލާއިރު އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އުތުރުގެ ރަށް ތަކަށް ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. އުތުރުގެ ރަށް ތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ އަދަދަކަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައި ވާއިރު ރާޅުގެ އުސްމިން އުޅޭނެކަމަށް ލަފާ ކޮށްފައި ވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.
އަދި މެދު ރާއްޖެ ތެރެއަށް އާދައިގެ ވަރަކަށް ވިއްސާރަކުރާނެ ކަމަށް މެޓު އޮފީހުން ލަފާ ކޮށްފައި ވާއިރު، ދެކުނުގެ ރަށް ތަކަށް މަޑުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުނެއެވެ.
ދެވަނަ ބުރަށް ވޯޓު ލުމަށް ގިނަ އަދަދެއްގެ މީހުން ރީރެޖިސްޓާ ވެ، ރަށް ރަށަށް ފުރަމުންދާއިރު މިއަދަކީ ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ބަންދު ދުވަހެކެވެ. އަދި ސަރުކާރުން ވަނީ މާދަމާއަކީ ވެސް ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައެވެ.