ފައިސާގެ އަސްލު އޮޅުވާލަން ޔާމީން މަސައްކަތް ކުރި: ދައުލަތް

ހައިކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: މަނީލޯންޑާ ކުރަން ބޭނުންވާ މީހަކު ރާއްޖޭގެ ބޭންކެއް ބޭނުމެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ---

އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި އޭގެ އަސްލު އޮޅުވާލަން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް މަސައްކަތް ކޮށްފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުން ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނިމުމަކާ ގާތް ވެފައިވާއިރު މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ މީގެ ކުރިން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ފައިސާގެ އަސްލު އޮޅުވާލުމުގެ ނިޔަތް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ, އަސްލު އޮޅުވާލުމުގެ ނިޔަތް އޮތްކަން ސާބިތުވާ ސަބަބުތަކެއް ހުރި ކަމަށެވެ.

https://www.sun.mv/181749

ދައުލަތުގެ ވަކީލް ވިދާޅުވީ, ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ދައުރުކޮށް ޖުމްލަ އަދަދަށް ބަދަލު ގެނެސް އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ނަމަވެސް މުއާމަލާތްތައް ހިނގި ގޮތުން އަސްލު އޮޅުވާލެވިފައިނުވާކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ, އެކަން ކުރެވިފައި ނުވަނީ ރާއްޖޭގެ ބޭންކިން ނިޒާމް އޮތް ގޮތުން ކަމަށެވެ.

"އަސްލު އޮޅުވާލުމަށް މީހުން އަމަލުކޮށްފައިވާ ގޮތްތަކަށް އެބަހުރި މި މައްސަލައިގައި އަމަލު ކޮށްފައި," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ފައިސާ ދައުރު ކުރުމުގައި އަމަލު ކޮށްފައިވަނީ އާންމު ހާލަތުގައި މީހަކު ކަންކުރާނެ ގޮތަކަށް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި އެ މުއާމަލާތުގެ މަގުސަދު ހާސިލް ކުރުމަށް ފަސޭހަ މަގެއް އޮއްވައި އެއަށްވުރެ ދިގު އުނދަގޫ މަގުތަކެއް އިހްތިޔާރުކޮށް ފައިސާގެ އަދަދު އޮޅުވާލާފައިވާ ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ, މަނީ ލޯންޑަރިންގެ މުޅި މައްފޫމަކީ ގާނޫނާ ހިލާފަށް ހޯދި ފައިސާއެއްކަން އެނގުން ކަމަށެވެ. އަދި ލޯންޑާ ކުރާނީ ގާނޫނާ ހިލާފަށް ހޯދާފަ ހުންނަ ފައިސާކަން ފާހަގަކޮށް ޔާމީން ވިދާޅުވީ, އޭގެ ތެރޭގައި ފައިސާގެ އަސްލު އޮޅުވާލައި ނުވަތަ އެ ފައިސާއިން މުދާ ގަތުން ހިމެނޭނެ ކަމަށެވެ.

"އެކަހަލަ ފައިސާ އޯފްޝޯ އެކައުންޓެއްގައި ބަހައްޓާ ކަމުގައި ވަނީ ނަމަ އޭނަގެ ނުބައި އިންޓެންޝަން އެ އައީ. އެއީ އެ ފައިސާ ފޮރުވަން އޭނަ މަސައްކަތް ކުރީ. އެއީ އެ ފައިސާއަކީ ޓްރޭސް ކުރެވޭނެ ފައިސާއެއް ނޫން," އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައި ހުންނަ އެ މީހެއްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުން އެއީ ލޯންޑާ ކުރުން ކަމަށް ނުބެލެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެހުރިހާ މައުލޫމާތުތަކެއް ރާއްޖޭގެ ސެންޓްރަލް ބޭންކަށް ދާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް