ސިނަމާލެ ފްލެޓްތައް ދޫކޮށްލާ މީހުންނަށް ގޯއްޗާއި ފްލެޓް ދެނީ

ސިނަމާލެ ފްލެޓް: އެ ފްލެޓްތައް ތަޅާލަން ވަނީ ނިންމާފައި-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

ސިނަމާލެ ފްލެޓްތަކާއި ހުޅުމާލެއިން މީގެ ކުރިން ދޫކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ފްލެޓުތައް ދޫކޮށްލާނަމަ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް ކުދި ފްލެޓްތަކެއް ދީފައި ހުރި ކަމަށާއި ސިނަމާލެ ފްލެޓްތަކާއި ހުޅުމާލޭގައި ކުރިން އަޅާފައި ހުރި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދެވޭނެ ކަމަށެވެ.

ނަމަވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ ފުރުސަތު އޮތީ މިހާރު ދިރިއުޅޭ ފްލެޓު ދޫކޮށްލާނަމަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ކުރިން ހުންނާނެ ދޫކޮށްފަ އެއް ކޮޓަރީގެ ފްލެޓުތަކާއި އެސްއޯއީތަކުން ދޫކުރި ފްލެޓުތައް. އެތަންތާ ދިރިއުޅޭ މީހުންނަށް އެހެން ފުރުސަތުތައް ނެތުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނަނީ މިނިސްޓްރީއަށް. މިހާރު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެމީހުންނަށް ވެސް ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ މިހާރު އުޅޭ ތަން ދޫކޮށްލާނަމަ،" އަކުރަމް ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ޓަވަރުތައް -- ސަން ފޮޓޯ

ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އާ ފްލެޓް ލިބޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު، މިދިޔަ މެއި މަހު މާލޭ ސިޓީ ކައުންސިލުން ވަނީ އެތަން ތަޅައިލައި އަލުން އިމާރާތް ކޮށްދޭނެ އިންވެސްޓަރުން ހޯދަން ނިންމާފައެވެ.

https://sun.mv/177874

މިހާރު ހުރި ސިނަމާލެ ފްލެޓުތަކަށް 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ފްލެޓުތައް އިމާރާތްކުރިއިރު ހުރީ 128 އެޕާޓްމެންޓެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ އިއުލާންކުރި 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވީހާވެސް އަވަހަކަށް ނެރޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ އިތުރުން ސަރުކާރުން ގޯތި ދޫކުރާ "ބިންވެރިޔާ" ސްކީމްގައި ހިމެނޭ ފްލެޓާއި ގޯއްޗަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ ފްލެޓާއި ގޯތި ދޫކުރާ މިންވަރު އިތުރުކޮށްފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން އެންމެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާން ކުރައްވާފައި ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނަށް އުތުރުތިލަފަޅުން ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސްކީމްގެ ދަށުން 8،000 ފްލެޓާއި 4،000އަށް ވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް