ސިނަމާލޭ ފްލެޓްތައް ތަޅާލައި، އަލުން އިމާރާތްކުރަނީ

ސިނަމާލެ ފްލެޓުތައް -- ފޮޓޯ/ސީއެންއެމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ސިނަމާލެ ފްލެޓްތައް ތަޅާލައި އެ ތަންތަން އަލުން އިމާރާތް ކޮށްދޭނެ އިންވެސްޓަރުން ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިގޮތަށް ނިންމީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 103 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާގުންނެވެ. ކައުންސިލުން ނިންމީ، "ސިނަމާލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ޕްލޭންގެ ދަށުން، މިހާރު އެ ފްލެޓްތައް އިމާރާތް ކޮށްފައިވާ ސަރަހައްދު މުޅިން އާ ޕްރޮޖެކްޓެއްގެ ދަށުން ތަރައްގީ ކުރާ ގޮތަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި، އެ ކައުންސިލްގެ ފައިނޭންޝަލް މެނޭޖަރު ޑރ. މުހައްމަދު ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ، ދެ މަރުހަލާއަކަށް ބަހާލައިގެން 1،500 އެޕާޓްމެންޓް އިމާރާތް ކުރާ ގޮތަށް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 103 ވަނަ ރަސްމީ އާއްމު ޖަލްސާގެ ތެރެއިން ---

އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ އެޕާޓްމެންޓާއި ހަތަރު ކޮޓަރީގެ އެޕާޓްމެންޓްތައް އިމާރާތް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެޕާޓްމެންޓްގެ ސައިޒަކީ 800 އާއި 1،300 އަކަ ފޫޓު ކަމަށްވާއިރު، ކޮންމެ ކޮޓަރިއެއްގައި ފާޚަނާ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ "ސިނަމަލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ޕްލޭންގައި ވާގޮތުން، ފްލެޓުތައް ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާގައި މިހާރު ހުރި ފަސް ޓަވަރު އަލުން ތަޅާލައި، 700 ވަރަކަށް އެޕާޓްމެންޓް އިމާރާތް ކުރާނެއެވެ. އަދި ދެވަނަ މަރުހަލާގައި 800 އެޕާޓްމެންޓް ތަރައްގީކުރާނެއެވެ.

މިއީ ޑިވެލޮޕާ ފައިނޭންސް އުސޫލުން (ޑިވެލޮޕަރުގެ އަމިއްލަ ޙަރަދުގައި އިމާރާތްކުރާ ގޮތަށް) ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ފުރަތަމަ މަރުހަލާގައި އިމާރާތްކުރާ 700 އެޕާޓްމެންޓްގެ ތެރެއިން 128 އެޕާޓްމެންޓް ހާއްސަ ކުރަން ހަމަޖެހިފައި ވަނީ މިހާރު ވެސް ސިނަމާލެ ފްލެޓް ލިބިފައިވާ މީހުން ރީލޮކޭޓް ކުރާށެވެ.

މި ފްލެޓްތައް ހަދާ ސަރަހައްދުގެ ލޭންޑް ކޯސްޓުން ކައުންސިލަށް އާމްދަނީގެ ގޮތުގައި 175 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކޮމާޝަލް ޖާގަތަކާއި ކާރު ޕާކިން ސްލޮޓްތައް ކުއްޔަށް ދީގެން އަހަރަކަށް 15 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯ ހާއްސަ ކުރާނީ ވިޔަފާރީގެ ބޭނުންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 500 ކާރު ޕާކުކުރާނެ ޖާގަ އަދި 2،000 އެއްހާ ސައިކަލް ޕާކު ކުރާނެ ޖާގަ ވެސް ހަދާނެ ކަމަށައި މިކަމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ، އެކަމަށް ބޭނުންވާނެ ހުއްދަތައް ލިބުން ދަތިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހުރި ސިނަމާލެ ފްލެޓް ފްލެޓުތަކަށް މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ފްލެޓުތައް އިމާރާތްކުރިއިރު ހުރީ 128 އެޕާޓްމެންޓެވެ.

comment ކޮމެންޓް