މި އަހަރުގެ ބަޖެޓު ޚާއްސަކުރީ ބޯހިޔާވަހިކަމަށް ސަރުކާރުން އިއުލާން ކުރި ނަމަވެސް، ގެދޮރުވެރިކަމާ ގުޅުން ހުރި މަޝްރޫއުތަކަށް ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިން 90 ޕަސެންޓް ބޭނުންނުކޮށް ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމަށް މަގުފަހިކޮށްދޭނެ ކަމަށާއި ގެދޮރުވެރިކަމަށް ތިން ބިލިއަން ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، 1.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި، ގެދޮރުވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް އޮތީ 1.8 ބިލިއަން ރުފިޔާ ހިމަނައިފައެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އޭގެ ތެރެއިން، މިދިޔަ މަހުގެ 27އާ ހަމައަށް ހޭދަކޮށްފައިވަނީ 183.9 މިލިއަނުގެ ކުޑަ އަދަދެެކެވެ. އެއީ ބަޖެޓުކުރި އަދަދުގެ 10 ޕަސެންޓް ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 74.8 ޕަސެންޓް ދަށް އަދަދެކެވެ.
އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ބަޖެޓްގެ ބޮޑު ބައެއް އޮތީ ބޭނުން ނުކޮށްކަން ފިނޭންސްގެ ހިސާބުތަކުން އެނގެއެވެ.
ސަރުކާރުން ހިންގި ތަރައްގީކުރުމުގެ މަޝްރޫއު: މި ސަރުކާރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައެޅި ފައިސާއިން ބޮޑު ބައެއް ބޭނުން ނުކުރޭ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން، ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ ގޮތެއްގައި ކުރި ޚަރަދު މި އަހަރު ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އެގޮތުން ކެޕިޓަލް ޚަރަދަށް ކަނޑައެޅި 12.6 ބިލިއަން ރުފިޔާއިން ދެބައިކުޅައެއްބައި ވެސް ބޭނުންނުކޮށް، މިހާތަނަށް ޚަރަދުކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދަށް 11.2 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވެއެވެ.
ކެޕިޓަލް ޚަރަދުގެ ބޮޑު ބައެއް ބޭނުންކޮށްފައިވަނީ މަގުތަކާއި ބުރިޖުތަކާއި އެއާޕޯޓުތަކުގެ މަސައްކަތްތަކަށް ކަމަށްވާއިރު، އެކަމަށް 1.99 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މި އަހަރަށް ފާސްކުރީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން، މިދިޔަ މަހުގެ 27ގެ ނިޔަލަށް ބޭނުންކޮށްފައި ވަނީ 47 ބިލިއަން ރުފިޔާއެވެ.
މި އަހަރު އިތުރު ޚަރަދުތަކަށް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ނުޖެހޭ ކަމާއި، ޚަރަދަށް ވުރެ އާމްދަނީ އިތުރުކޮށްގެން ޖެހިޖެހިގެން 40 ހަފުތާ ވަންދެން ބަޖެޓު ސާޕްލަސްގައި ހިފެހެއްޓިކަން ސަރުކާރުން ފާހަގަކުރެއެވެ.
އެ ސާޕްލަސް ހިފަހައްޓައިފައިވަނީ މަޝްރޫއުތަކުގެ ޚަރަދު ކުޑަކޮށްގެން ކަމަށްވާއިރު، ގިނަ އަދަދެއްގެ މަޝްރޫއުތައް ވަނީ، އެކަމަށް ހިނގާ ޚަރަދުގައި ކުރިއަށްގެންދިޔުމަށް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކުންފުނިތަކާ ގުޅުމެއް ނެތް ބައެއް މަސައްކަތްތައް ވެސް ހަވާލުކޮށްފައިވާ ކަމާއި، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ގެއްލޭކަން ފާހަގަކޮށް ސަރުކާރަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ގެއްލުމުގައި ހިންގާ ދައުލަތުގެ ކުންފުނިތަކަށް ބަޖެޓުގައި ޖެހީ 378 މިލިއަން ނަމަވެސް، ޚަރަދު ކުރި މިންވަރު މިހާރު ވަނީ އެތައް ގުނައެއް ބޮޑުވެ 1.96 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވައި މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި، 18 އަހަރުން މަތީގެ އެންމެންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމެއް ހޯދައި ދެއްވުން ހިމެނެއެވެ. ނަމަވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގެންދިޔުމާއި، ކުރީ ސަރުކާރުގައި ހަވާލުކުރަން ހަމަޖެހިފައި އޮތް ގޯއްޗާއި ފުލެޓުތައް ވެސް ދިނުން ލަސްވުމާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު ރައީސް ވަނީ، އެ މަނިކުފާނުގެ ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއުއަކަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ހޯދައި، ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ޚާއްސަކުރަނީ ސިއްހީ ދާއިރާއަށެވެ.