ދެވަނަ ބުރުގެ ދާއިމީ ލިސްޓު ނެރެފި، އިތުރުވީ 409 މީހުން

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގެ ވޯޓުލުން -- ސަން ފޮޓޯ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރޭ ނެރެފިއެވެ.

އީސީން ނެރުނު ލިސްޓުގައިވާ ގޮތުން، ފުރަތަމަ ބުރާ އަޅާބަލާއިރު މި ފަހަރު ވޯޓުލުމުގެ ފުރުސަތު އިތުރު 409 މީހަކަށް ލިބެއެވެ. އެގޮތުން ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 282،395އަށް މީހުންނަށް ނަމަވެސް މިފަހަރު އެ އަދަދު ވަނީ 282،804އަށް އިތުރުވެފައެވެ.

އިތުރުވި މީހުންގެ ތެރޭގައި ހިމެނެނީ 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.

އީސީން މީގެ ކުރިން އިއުލާންކޮށްފައިވާ ގޮތުން، ފުރަތަމަ ބުރުގެ ދާއިމީ ލިސްޓު އެކުލަވާލި ފަހުން 18 އަހަރު ފުރުމާ ގުޅިގެން ވޯޓާސް ލިސްޓަށް އިތުރު ވާނީ 408 މީހުންނެވެ. އެ އަދަދު އިތުރުވެފައި ވަނީ, އަލަށް ވޯޓުލީ މީހުންގެ ލިސްޓަށް ލިބުނު ޝަކުވާއަކާ ގުޅިގެން ކަމަށް އީސީން ބުންޏެވެ.

ފުރަތަމަ ބުރުގައި ވޯޓުލާން ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަންތަނަށް ވޯޓުލުމަށް 42،867 މީހަކު ހުށަހެޅިއެވެ. އަދި ދެވަނަ ބުރުގައި ރީރެޖިސްޓާވުމަށް 50،047 ފޯމް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. އޭގެ ތެރެއިން ސައްހަވީ 38،763 ފޯމް ކަމަށާއި ބާކީ 11،284 ރިޖެކްޓްކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް އީސީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިމަހުގެ ނުވައެއްގައި ބޭއްވި ފުރަތަމަ ބުރުގައި ބަހައްޓާފައި ވަނީ 574 ފޮށި ނަމަވެސް ދެވަނަ ބުރަށް 12 ފޮށި އިތުރުކޮށް، އެ އަދަދު ވަނީ 586އަށް އިތުރުކޮށްފައެވެ.

ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި 46 ޕަސެންޓް ކާމިޔާބު ކުރެއްވި ޕީޕީއެން، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި 39 ޕަސެންޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

comment ކޮމެންޓް