ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް, އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުށަހަޅާފައިވާ ސިޓީގެ މައްސަލަ އެޖެންޑާ ކޮށްފައި އޮއްވާ މިއަދުގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ނިންމާލައިފިއެވެ.
އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އެކަން އީސީއަށް ހުށަހެޅީ ބުރާސްފަތު ދުވަހުއެވެ.
އެއަށްފަހު އީސީން ވަނީ ސާފުކުރަންޖެހޭ ބައެއް ކަންކަން ހުރުމާއެކު އަލުން އެކަންކަން ބަލައި ސާފުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިފައެވެ. މިއަދު މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ބަރުލަމާނީ ސިފަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.
ތިންވަނަ ދައުރުގެ ހަތްވަނަ ޖަލްސާގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ފެށުނުއިރު ކޯރަމް ހަމަވުމަށް މަދީ ދެ މެންބަރުން ކަމަށެވެ.
"މިއީ ރިޔާސީ އިންތިޚާބުގެ ފަހު ހަފުތާ. އެހެންވީމަ ޕާޓީތަކުން ކެމްޕެއިން ހަރަކާތްތަކުގައި ހަރަކާތްތެރިވާންޖެހޭނެ. އެ މަސައްކަތުގަ އުޅުމަކީ މަޖިލީހުގެ މަސައްކަތެއްގެ ގޮތުގަ އަޅުގަނޑު ހަމަ ދެކެނީ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ތަޅުމަށް ނުވަދެ ކުޑަ ދަށުގައި ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ކެމްޕޭނުގެ މަސައްކަތުގައި ހަރަކާތްތެރިވާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ.
ކުޑަ ވަގުތުކޮޅަކަށް ޖަލްސާ ނުފަށާ މަޑުކޮށްލުމަށް ފަހު ނަޝީދު ވަނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ނިންމާލައިފައެވެ. އަދި އިތުރު ޖަލްސާއެއް މި ހަފުތާ ބޭއްވުމަށް މަސައްކަތްކުރުމަށް ގަސްތުކުރަނީ އެމްޑީޕީއާ މަޝްވަރާކުރުމަށް ފަހުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެބޭފުޅުންނަށް ވަޑައިގެންނެވޭނަމަ އަޅުގަނޑު ވެސް މަސައްކަތްކުރާނަން މަޖިލީހުގެ ޖަލްސާތައް ބޭއްވޭތޯ،" ނަޝީދު ވިދާޅުވިއެވެ.

މެމްބަރު އިލްޔާސް ލަބީބް -- ފޮޓޯ/ މަޖިލިސް
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ އެމްޑީޕީ މެމްބަރުންގެ ވޯޓާ ވެސް އެކުއެވެ.
މިމަހުގެ 12 ވަނަ ދުވަހު އެ ގަރާރު ހުށަހެޅުއްވީ އިސްލާހަކާއެކުގައެވެ. އެއީ ނޮވެމްބަރު 30ގެ ކުރިން ވޯޓު ނެގުމަށް ގަރާރުގައި އޮތް ނަމަވެސް، އޮކްޓޯބަރު 30އަށް ތާރީޚު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.
އިލްޔާސް ހުށަހެޅި އިސްލާހުގައިވަނީ "30 އޮކްޓޯބަރުގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވާކަމަށް" ބަދަލުކުރުމަށެވެ.
އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވަނީ އިލްޔާސްގެ އިސްލާހާއެކު ގަރާރު ފާސްކުރަން ތާއިދުކޮށްފައެވެ.
ނިޒާމީ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އިއްޔެ ނަޝީދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވެސް ރައީސް އޮފީހުގައި ރަސްމީ ބައްދަލުކުރެެއްވުމެއް ބާއްވައިފައެވެ.
ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އީސީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅިގެން ކަންތައް ކުރަންވާ ގޮތާއި އިންތިޚާބުގެ ދެވަނަ ބުރާ ގުޅުން ހުރި މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ހުށަހެޅި ޝަރުތަކީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.
ނަޝީދު އިއްޔެ ރައީސާ ބައްދަލުކުރެއްވިއިރު، މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ ނިޒާމީ މަޝްވަރާއަށް ޕީޕީއެމް/ ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޔާމީން ވަނީ ނަޝީދާ ބައްދަލުކުރައްވަން ދެކޮޅުހައްދަވާފައެވެ.