ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ތާއީދު ކުރައްވައިފިއެވެ.
މި ކަމާ ގުޅިގެން ސާލިމް ވަހީދު 'ސަން'އަށް ވިދާޅުވީ، އޭނާ އަކީ އަދިވެސް ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރެއްގެ އިތުރުން އެ ޕާޓީގެ ކައުންސިލް މެންބަރެއް ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމެވުމަކީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ޕީޕީއެމްގައި 10 އަހަރު ހޭދަކުރެއްވި ސާލިމް ވިދާޅުވި ގޮތުގައި އެ ތަޖުރިބާއިން އޭނާއަށް އެނގުނު ކަމަކީ، މިއަދު އޮތް ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް އޭނާގެ އެއްވެސް އިތުބާރެއް ނެތްކަމެވެ.
"ޕީޕީއެމާއި ޕީއެންސީ މިދަނީ ދާޚިލީ ހަނގުރާމައަކާ ދިމާލަށް. އެ މީހުންނަށް ވެރިކަން ކާމިޔާބުވެއްޖެނަމަ އެ ހަނގުރާމައިގެ އަގަކީ އަޅުގަނޑުމެންގެ މުޅި މި ގައުމު،" ސާލިމް ވިދާޅުވިއެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް އިޝާރާތް ކުރައްވާ ސާލިމް ވިދާޅުވީ މުއިއްޒަކީ، އަސްކަރީ އަދި މާލީ ކަންކަން ހަރުދަނާ ގޮތެއްގައި އަލުން މަޝްވަރާކޮށް ހައްލުކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙަކީ ދެފުށް ފެންނަ ޚާރިޖީ ސިޔާސަތެއް ގާއިމްކޮށްދެއްވާނެ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސާލިމް ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ޓީމާ އެކު ރޭ ސޯސަން ޖަގަހައަށް ވަޑައިގެން ރައީސް ޞާލިހާ ބައްދަލުކުރައްވާފައެވެ.
ސާލިމް ވަހީދަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހު އުޅެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރެން ނިންމުމުން ރައީސް ވަހީދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެ ޕާޓީން ވަކިވެ ވަޑައިގެންނެވި އިރު، އެމަނިކުފާނު ހުންނެވީ އެ ޕާޓީގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ.
އެ މަނިކުފާނު 2008ވަނަ އަހަރުގެ އިންތިޚާބުގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ، އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓެއްގެ ގޮތުގައެވެ. އޭރު އެމަނިކުފާނު، ހުންނެވީ ގައުމީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެންނެވެ.